ސައުދު ހުސައިން

ހައްލު ކުރަން ނުކެރެންޏާ ކުލީގެ ވާހަކަ ހުއްޓާލާ: ސައުދު

ހައްލު ނުކުރެވޭ މާލޭ ކުލީގެ ވާހަކަ ދެއްކުން ހުއްޓާލާ އަތޮޅުތަކުގެ ތަރައްގީގެ ފުރުސަތު ފަހިކޮށްދިނުމަށް ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން ގޮވާލައިފި އެވެ.

ކުލި ކޮންޓްރޯލް ކުރަން އެދި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅެމުގެ މަސައްކަތް ފަށާފައިވާއިރު، މާލޭގެ ކުލީގެ މައްސަލައިގެ އަޑު މި ދުވަސްވަރު ވަނީ ގަދަވެފަ އެވެ.

މާލޭގައި މީހުން ދިރިއުޅޭ ތަންތަނުގެ ކުލި ސަރުކާރުން ނުވަތަ މަޖިލީހުން ފާސް ކުރާ ގާނޫނަކުން ކޮންޓްރޯލް ކުރަން އެދި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަން ހުށަހަޅަން މަސައްކަތް ކުރަމުން ދަނީ މާލޭ ޓެނަންޓްސް ޔޫނިއަން (އެމްޓީޔޫ) ގެ ނަމުގައި އުފެއްދި ޖަމިއްޔާއަކުންނެވެ. އެ ޕެޓިޝަންގައި ގިނަ ބަޔަކު ދަނީ ސޮއި ކުރަމުންނެވެ.

ކުލީގެ ބަހުސް ބޮޑެވެ، މަޖިލީހުގެ މެންބަރުންގެ ހިޔާލު ވެސް އެ މައްސަލާގައި ތަފާތުވެފައިވާއިރު، މެންބަރު ސައުދު ވިދާޅުވީ މާލޭގެ ކުލީގެ މައްސަލައަކީ ހައްލު ނުކުރެވުނު މައްސަލައެއް ކަމަށާއި އެހެން ކަމުން އެ ވާހަކަ ދެއްކުން ހުއްޓާލަން ޖެހޭ ކަމަށެވެ.

އަދި ވެލާ ބިސް އަޅާ ފަދައިން ކޮންމެ ފަސް އަހަރުން މާލެ ސަރަހައްދަށް ތަރައްގީގެ އެތައް މަޝްރޫއުރުތަކެއް އުފަން ކުރުވާ ގޮތަށް އަތޮޅުތަކުގައި ވެސް ސިއްހީ ނިޒާމާ، ތައުލީމީ ނިޒާމް ރަނގަޅުކޮށް، ތަފާތު އިންޑަސްޓްރީތައް ގާއިމުކޮށް ވަޒީފާގެ ފުރުސަތު އުފައްދަން ޖެހޭ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންގެ ނަޒަރުގައި މާލޭގެ ކުލީގެ މައްސަލަ ހައްލު ކުރުމަކީ ގާނޫނަކުން ކުރެވޭނެ ކަމެއް ނޫނެވެ. ނަމަވެސް ބައެއް މެންބަރުން ގެންދަވަނީ ކުލި ކޮންޓްރޯލު ވެސް ކުރެވޭނެ ކަމަށާ އަދި ރެގިއުލޭޓު ވެސް ކުރެވޭނެ ކަމަށް ވިދާޅުވަމުންނެވެ.

އަދި މާލޭގެ ގެތަކުގެ ކުލި ދަށް ވެސް ކުރެވޭނެ ކަމަށާ އެކަމަށް ބޭނުންވަނީ ސިޔާސީ ހިއްވަރެއް ކަމަށާ އެންމެއިސްކަން ދޭ ސިޔާސަތަކީ ބޯހިޔާވަހިކަން ކަމުގައި ހަދަން ޖެހޭ ކަމަށް ކުލި ކުޑަކުރެވޭނެ ކަމަށް ވަކާލާތު ކުރައްވާ މެންބަރުން ވިދާޅުވެއެވެ.

ބައެއް މެންބަރުން ވިދާޅުވީ ގާނޫނަކީ ކުލި ކޮންޓްރޯލް ކުރެވިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. ކުލި ކޮންޓްރޯލް ކުރެވޭނީ ޑިމާންޑާ އެއްވަރަށް ސަޕްލައި އިތުރުވެ، ބޭންކުތަކުން އިމާރާތް ކުުރުމަށް ނަގާ ލޯނުގެ އިންޓްރެސްޓް ރޭޓް ކުރެވިގެން ކަމަށެވެ.

އަދި ބޭންކުތަކުން ނަގަންޖެހޭ ރިސްކުތައް ކުޑަކުރުމަށް ދައުލަތުންވެސް މަސައްކަތް ކުރަންޖެހޭ ކަމަށް އެ މެންބަރުން ވިދާޅުވެއެވެ.