ވިޔަފާރި

ޓްރޭޑް ޕާމިޓް ނުނަގާ ވިޔަފާރި ކުރެވޭ ގޮތް ހަދައިފި

ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކުން ޓްރޭޑް ޕާމިޓް ނަގަން ނުޖެހޭ ގޮތައް ހަދައި އެކަމަށް ދައްކަން ޖެހޭ ފީ އުވާލައިފި އެވެ.

ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނު ގެނައި އިސްލާހާއެކު ގެނައި އެ ބަދަލާ ގުޅޭ ގޮތުން އިކޮނޮމިކް މިނިސްޓްރީން ބުނީ އިއްޔެ އިން ފެށިގެން ވަކިވަކި ވިޔަފާރި ކުރުމަށް ނަގާ ޓްރޭޑް ޕާމިޓް ނުނަގާ ވެސް ވިޔަފާރި ކުރެވޭ ގޮތައް ހަދާފައިވާ ކަމަށާއި ބައެއް ހުއްދަތައް ދޫކުރުން ހުއްޓާލާފައިވާ ކަމަށެވެ.

ޓްރޭޑް ޕާމިޓް ނެގުން ހުއްޓާލި ދާއިރާތައް:

  • އިމްޕޯޓް މުދަލުގެ ވިޔަފާރިކުރުމުގެ ހުއްދަ
  • ސައިހޮޓާ ހިންގުމުގެ ހުއްދަ
  • ރެސްޓޯރަންޓް ހިންގުމުގެ ހުއްދަ
  • ކެންޓީން ހިންގުމުގެ ހުއްދަ

މި ބަދަލާއެކު، ވިޔަފާރީގެ ހުއްދަ ނެގުމަށްފަހު އިތުރު ވިޔަފާރިތައް ކުރަން ވަކިން ހުއްދައެއް ނަގާކަށް ނުޖެހޭނެ އެވެ. އަދި އެކަމަށް ދައްކަން ލާޒިމްވާ 200ރ. ގެ ފީ ދައްކާކަށް ނުޖެހޭނެ އެވެ.

އެ މިނިސްޓްރީން ބުނީ ހުއްދަތައް ދޫކުރުން ހުއްޓާލުމާ އެކު، އެ ހުއްދަތަކާ ގުޅޭ މަހު ފީ ބަލައިގަތުން އެ މިނިސްޓްރީންނާއި ސިޓީ ކައުންސިލްތަކުންނާއި ރަށު ކައުންސިލްތަކުންނާއި މޯލްޑިވްސް އިންލެންޑް ރެވެނިޔު އޮތޯރިޓީ (މީރާ) އިން ހުއްޓާލާފައިވާ ކަމަށެވެ.