މާލޭ ރިމާންޑް ޖަލުގައި އަލިފާން ރޯކޮށްލާފައިވާ ކަމަށް ބުނާ ހަބަރުތައް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ދޮގު ކޮށްފި އެވެ.
ކަރެކްޝަނުން ބުނީ ޖަލުގެ ހާލަތާއި ގުޅޭގޮތުން ދެކެވެމުން ދަނީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށާއި މިއަދު ޖަލުގައި ރޯކޮށްލާފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ ވެސް ދޮގެއް ކަމަށެވެ.
ޖަލުގައި އަލިފާން ރޯކޮށްލާފައިވާ ކަމަށް ހަބަރު ފަތުރުނީ ޖަލުގެ ގޮޅިއެއްގައި ތިބި ގައިދީންތަކެއް އެމީހުން ނިދަން ބޭނުންކުރާ ބެޑްޝީޓެއްގައި ރޯކޮށްލުމަށްފަހު ގޮޅިން ބޭރަށް އެއްލާލުމުން ކަމަށާއި އެ ބެޑްޝީޓްގައި ރޯކޮށްލި އަލިފާން ވެސް ވަރަށް އަވަހަށް ނިއްވާލާފައިވާ އެނގިފައިވެއެވެ. ނަމަވެސް އެކަމާ ގުޅޭގޮތުން ކަރެކްޝަނުން ވަކި އެއްޗެއް ނުބުނެއެވެ.
ކަރެކްޝަންގެ މިޑިއާ އޮފިޝަލަކު ވިދާޅުވީ ގައިދީންގެ ކަންބޮޑުވުންތަކެއް އެބަހުރި ކަމަށާ އޭގެ ސަބަބުން ޖަލުގައި ނުތަނަވަސް ކަމެެއް އުފެދިފައިވާ ކަމަށެވެ. އަދި ބައެއް ވަގުތުތަކުގައި ގައިދީން ކާ އެއްޗެހި ނުނަގާ ކަމަށައި ނަމަވެސް ބަނޑުހައިހޫނު ކަމުގެ ހަޅުތާލެއް ނުކުރާތީ އެހެން ބައެއް ވަގުތުތަކުގައި ގައިދީން ކާ ތަކެތި ނަގާ ކަމަށެވެ.
މިދިޔަ އާދިއްތަ ދުވަހު ކޮމިޝަނަރު އޮފް ޕްރިޒަންސް އަބްދުﷲ މުނާޒާއެކު ކަރެކްޝަންސްގެ އޮފިސްރުންނާއި އެސްއޯ ފުލުހުން މާފުށީ ޖަލުގައި ގައިދީން ތިބި ތަނަށް ގޮސް ކަރުނަ ގޭސް ޖަހައި ގޮޅިތަކުން ގައިދީން ނެރެ، ކުޑަކަކޫ ޖައްސާފައި ތިބި ކަމަށް ބުނެ ހަބަރު ފެތުރުނެވެ. އަދި ޖަލުގެ ފޮޓޯތަކެއް އާންމުވެސް ވިއެވެ. އެ ދުވަހުން ފެށިގެން ޖަލުގައި ގައިދީން ގެންދަނީ ތަފާތު ހަމަނުޖެހުންތައް ހިންގަމުންނެވެ. އޭގެ ތެރޭގައި ޖަލު އޮފިސަރުންގެ ގަޔަށް ކާ އެއްޗެހި ޖެހުންފަދަ ކަންކަން ވެސް ކުރެއެވެ.