ޖޭއެސްސީ

މެޖިސްޓްރޭޓް ރައްޒާގް ސަސްޕެންޑްކޮށްފި

ދ. ޖުޑިޝަރީ ދާއިރާގެ އިސް މެޖިސްޓްރޭޓް އަބްދުއްރައްޒާގު މުހައްމަދު ސަސްޕެންޑް ކޮށްފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަނުން ބުނީ އެ ކޮމިޝަނުން މި ނިންމުން ނިންމާފައިވަނީ މިއަދު ބޭއްވި ބައްދަލްވުމުގައެވެ.

އެ ކޮމިޝަނުން ބުނީ ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުން ބަލަމުންދާ މައްސަލައެއްގެ ޝަރީއަތަށް ދ. ޖުޑިޝަރީ ދާއިރާގެ އިސް މެޖިސްޓްރޭޓް އަބްދުއްރައްޒާގު މުހައްމަދު ހުށައަޅާފައިވާ އެއްބަސްވުމެއްގައިވާ ސޮޔަކީ، ފޯޖްކޮށްފައިވާ ސޮއެއް ކަމަށް ބުނާ މައްސަލައެއް ތަހުގީގު ކުރަމުންދާކަން ފުލުހުން އެ ކޮމިޝަނަށް އަންގާފައިވާ ކަމަށެވެ.

އެހެން ކަމުން އިސް މެޖިސްޓްރޭޓް އަބްދުއްރައްޒާގު މުހައްމަދުގެ ސުލޫކީ މައްސަލައެއް ބެލުމަށާއި، މިއަދުން ފެށިގެން އޭނާ ފަނޑިޔާރު ކަމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށް، ސަސްޕެންޑް ކޮށްފައިވާ ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.

މިފަހުން ޖޭއެސްސީއަށް އައި ބޮޑު ބަދަލާއެކު ވަރަށް ގިނަ ފަނޑިޔާރުންގެ މައްސަލަތައް ބަލާ ދަނީ ފިޔަވަޅު އަޅަމުންނެވެ. އަދި އެންމެ މަތީ ކޯޓުން ފެށިގެން ދަށުގެ ކޯޓްތަކުގެ ފަނޑިޔާރުންގެ މައްސަލަތައް ބަލާ ފަނޑިޔާރު ކަމުން ވަކިކުރުމަށް މަޖިލީހަށްވެސް ވަނީ ހުށައަޅާފައެވެ. އެ ހުށައެޅުމާ އެއްގޮތަށް މަޖިލީހުން ފާސްކޮށްގެން ގިނަ ފަނޑިޔާރުންތަކެއް ވަނީ މަގާމުން ދުރުކޮށްފައެވެ. އޭގެ ތެރޭގައި ޝަރުއީ ދާއިރާގެ އެންމެ އިސް ކޯޓް ސުޕްރީމް ކޯޓްގެ ހަތަރު ފަނޑިޔާރުންވެސް ހިމެނެއެވެ.