މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި ރާއްޖެ ތަމްސީލު ކުރި ބައެއް އަންހެން ކުޅުންތެރިންނާއި އޮފިޝަލުންނާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ބައްދަލު ކުރައްވައިފި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި މި ބައްދަލުވުމުގައި ރައީސް ސޯލިހް ބައްދަލު ކުރެއްވީ ގޭމްސްގައި ބައިވެރިވި ރާއްޖޭގެ އަންހެން ބާސްކެޓް ބޯޅަ ޓީމުގެ ކުޅުންތެރިންނާއި އަންހެން ފުޓުބޯޅަ ޓީމުގެ ކުޅުންތެރިންގެ އިތުރުން އެ ދެ ޓީމުގެ ފަރާތުން ބައިވެރިވި އޮފިޝަލުންނާ އެވެ.
ރައީސް އޮފީހުން ބުނީ ގޭމްސްގައި ދިވެހި ޓީމުތަކުން ހޯދި ކާމިޔާބީއަކީ ގައުމަށް ލުބުނު ޝަރަފެއްކަން އެ ބައްދަލުވުމުގައި ރައީސް ފާހަގަ ކުރެއްވި ކަމަށެވެ. އަދި ވަކިވަކި ކުޅިވަރެއް ތަފާތު ކުރުމެއް ނެތި ވަސީލަތްތައް ގާއިމުކޮށް މީހުން ތަމްރީނުކޮށްގެން ކުޅިވަރު ތަރައްގީ ކުރުމަށް ސަރުކާރުން އިސްކަން ދޭ ވަރު ވެސް ރައީސް ފާހަގަ ކުރެއްވި އެވެ.
މި ބައްދަލުވުމުގައި ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. ރައީސް އޮފީހުން ބުނި ގޮތުގައި މިއަދުގެ އެ ބައްދަލުވުމުގައި މިނިސްޓަރު މަހުލޫފު ވަނީ ރާއްޖޭގެ ކުޅިވަރުގެ ދާއިރާގެ ތަރައްގީއަށް ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ބައެއް ތަފުސީލުތައް ހިއްސާ ކޮށްފަ އެވެ.
ނޭޕާލުގައި މިޔަ މަހު ނިމިގެން ދިޔަ ސައުތު އޭޝިއަން ގޭމްސްގައި ދިވެހި އަންހެން ބާސްކެޓް ބޯޅަ ޓީމާއި އަންހެން ފުޓުބޯޅަ ޓީމުން ވަނީ ލޯ މެޑަލް ހޯދައިފަ އެވެ.