ހަބަރު

"މިތިބީ ޖިންސު ތަފާތު ކުރުމެއް ނެތި އެހީވެދޭން ތައްޔާރަށް"

ޖިންސުގެ ތަފާތު ކުރުމެއް ނެތި މި ސަރުކާރުން ތިބީ ކުޅުންތެރިންނަށް އެހީވެދޭން ތައްޔާރަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރު ދުވުމުން އެއް ވަނަ ހޯދައި، ދުވުންތެރިޔާ ހަސަން ސާއިދު އާއި އަންހެން ޓީޓީ ޓީމަށް ލިބުނު ބްރޯންޒް މެޑަލްގެ ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ، ކުޅިވަރުގެ މައިދާނުގައި މިއަދު ފާހަގަ ވަނީ އަންހެން ކުޅުންތެރިން އިތުރު ކުރިއެރުންތަކެއް ހޯދަމުން އަންނަ ކަމެވެ. އަދި ވަކި ޖިންސަކަށް ތަފާތު ކުރުމެއް ނެތި ހުރިހާ ކުޅުންތެރިންނަށް އެހީވެދޭން ސަރުކާރުން ތިބީ ތައްޔާރަށް ކަމަށެވެ.

"އަޅުގަނޑަށް މިއަދު އެބަ ފެނޭ އަންހެން އެތުލީޓުން އިތުރު ކާމިޔާބުތައް ހޯދަމުން ގެންދާތަން. ޓޭބަލް ޓެނިސް ކަމަށްވިޔަސް، ބެޑްމިންޓަން ކަމަށް ވިޔަސް އަދި ފުޓުބޯޅަ ކަމަށްވިޔަސް މިއަދު ފާހަގަވެގެން މިދަނީ އަންހެން ކުޅުންތެރިން އިތުރު ކުރިއެރުންތަކެއް ހޯދަމުންދާތަން" ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ، ކުރިއަށް ހުރި މުބާރާތްތަކުގައި ވަނަތައް ހޯދުމަށް ސަރުކާރުން ކޮށްދެން ހުރި ކަންކަން ކޮށްދޭނެ ކަމަށާއި ކާމިޔާބު ހޯދުމަށް ބޮޑު އާބާދީއެއް، ބޮޑު ގައުމަކަށް ނުވިޔަސް މިއަދު މިތިބީ އެކަން ސާބިތުކޮށްފައި ކަމަށެވެ. އަދި މި ކާމިޔާބަށް ބޭނުންވަނީ ރަނގަޅު ޕްލޭނަކާއި ފެސިލިޓީސްތައް ކުޅުންތެރިންނަށް ހަމަޖެހުން ކަމަށެވެ.

"ރާއްޖޭގެ އެކި ސްޕޯޓްސް އަށް އެންމެ ބޭނުންވާ ފެސިލިޓީސްތައް އަދި ރާއްޖޭގައި ނެތް. އެހެންނަމަވެސް އަޅުގަނޑުމެން މި ގެންދަނީ އެކަންތައްތައް ކުރުމަށްޓަކައި މަސައްކަތް ކުރަމުން. އަދި ރަނގަޅު ޕްލޭނެއް ހޯދުމަށްޓަކައި ބޭނުންވާ ކޯޗުންނާއި ތަމްރީނު ދޭނެ ފަރާތްތައް ހޯދާ ބޭރަށް ފޮނުވަން ޖެހޭ ބައެއް ފޮނުވަމުން"

ނޭޕާލްގައި މިހާރު ކުރިއަށްދާ ގޭމްސްގައި ރާއްޖެ އިން ވަނީ ކާމިޔާބީ ތަކެއް ހޯދާފަ އެވެ. 100 މީޓަރުގެ ދުވުމުން ރަން މެޑަލް ހޯދުމުގެ އިތުރުން، ސާއިދު ވަނީ 200 މީޓަރު ދުވުމުން ލޯ މެޑަލް ހޯދައިފަ އެވެ. އަދި އަންހެން ފުޓުބޯޅަ ޓީމާއި، ބާސްކެޓް ޓީމުން ވެސް ވަނީ ބްރޮންޒް މެޑަލް ހޯދައިފަ އެވެ.

މި ޓީމަށް ރަސްމީ އިއްޒަތުގައި ޖުމްހޫރީ މައިދާނުން ހޫނު މަރުހަބާ އެއް ކިޔެވެ.