ހުސައިން ޝަމީމް

ޕީޖީ ޝަމީމްގެ ސާބަސް، ޖޭއެސްސީއަށް

ދ. ޖުޑިޝަރީ ދާއިރާގެ އިސް މެޖިސްޓްރޭޓް އަބްދުއްރައްޒާގު މުހައްމަދު ސަސްޕެންޑް ކުރުމަށް ފަނޑިޔާރުންގެ މައްސަލަތައް ބަލާ، ޖުޑީސަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި ނިންމުމަށް، ޕްރޮސެކިއުޓަރު ޖެނަރަލް ހުސައިން ޝަމީމް މަރުހަބާ ވިދާޅުވެއްޖެ އެވެ.

ޖޭއެސްސީން މިއަދު ބުނީ ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުން ބަލަމުންދާ މައްސަލައެއްގެ ޝަރީއަތަށް ދ. ޖުޑިޝަރީ ދާއިރާގެ އިސް މެޖިސްޓްރޭޓް އަބްދުއްރައްޒާގު ހުށައަޅާފައިވާ އެއްބަސްވުމެއްގައިވާ ސޮޔަކީ، ފޯޖްކޮށްފައިވާ ސޮއެއް ކަމަށް ބުނާ މައްސަލައެއް ތަހުގީގު ކުރަމުންދާކަން ފުލުހުން އެ ކޮމިޝަނަށް އަންގާފައިވާ ކަމަށެވެ.

އެހެންކަމުން އަބްދުއްރައްޒާގުގެ ސުލޫކީ މައްސަލައެއް ބެލުމަށާއި، މިއަދުން ފެށިގެން އޭނާ ފަނޑިޔާރު ކަމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށް، ސަސްޕެންޑް ކޮށްފައިވާ ކަމަށް ޖޭއެސްސީން ވަނީ ބުނެފަ އެވެ.

ޖޭއެސްސީގެ މި ނިންމުމާއި ގުޅޭގޮތުން ޝަމީމް ވިދާޅުވީ ސޮއި ފޯޖުކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލަ ޖޭއެސްސީގެ ސަމާލުކަމަށް ގެނައީ ޕީޖީގެ ޕްރޮސިކިއުޓަރެއް ކަމަށެވެ. އެ އެމައްސަލަ ހުށަހެޅީ، މަޑުމަޑުން، މުޅި ނިޒާމަށް އިތުބާރު ހޯދައިދޭން ބޭނުންވާތީ ކަމަށް ޝަމީމް ވިދާޅުވިއެވެ. އަދި ނަޒާހާތްތެރި ޖުޑީޝަރީއެއް ލިބުމަކީ ރައްޔިތުންގެ އަސާސީ ހައްގެއް
ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.

ޖޭއެސްސީއަށް ސާބަސް. ސޮއި ފޯޖުކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލަ ޖޭއެސްސީގެ ސަމާލުކަމަށް ގެނައީ ޕީޖީ އޮފީހުގެ ޕްރޮސިކިއުޓަރެއް. އެމައްސަލަ ހުށަހެޅީ، މަޑުމަޑުން، މުޅި ނިޒާމަށް އިތުބާރު ހޯދައިދޭނަން ބޭނުންވާތީ. ނަޒާހާތްތެރި ޖުޑީޝަރީއެއް ލިބުމަކީ ރައްޔިތުންގެ އަސާސީ ހައްގެއް
ހުސައިން ޝަމީމް | ޕްރޮސެކިއުޓަރު ޖެނެރަލް

މިފަހުން ޖޭއެސްސީއަށް އައި ބޮޑު ބަދަލާއެކު ވަރަށް ގިނަ ފަނޑިޔާރުންގެ މައްސަލަތައް ބަލާ ދަނީ ފިޔަވަޅު އަޅަމުންނެވެ. އަދި އެންމެ މަތީ ކޯޓުން ފެށިގެން ދަށުގެ ކޯޓްތަކުގެ ފަނޑިޔާރުންގެ މައްސަލަތައް ބަލައި ފަނޑިޔާރުކަމުން ވަކިކުރުމަށް މަޖިލީހަށްވެސް ވަނީ ހުށައަޅާފައެވެ. އެ ހުށައެޅުމާ އެއްގޮތަށް މަޖިލީހުން ފާސްކޮށްގެން ގިނަ ފަނޑިޔާރުންތަކެއް ވަނީ މަގާމުން ދުރުކޮށްފައެވެ. އޭގެ ތެރޭގައި ޝަރުއީ ދާއިރާގެ އެންމެ އިސް ކޯޓް ސުޕްރީމް ކޯޓްގެ ހަތަރު ފަނޑިޔާރުންވެސް ހިމެނެއެވެ.