ހަބަރު

މައުލޫމާތު ބަދަލުވާ އައިޑީކާޑު ހެއްދުން މެދުކަނޑާލަނީ

މައުލޫމާތު ބަދަލުވާ އައިޑީ ކާޑު ހައްދައިދިނުން އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުން ފެށިގެން، މެދުކަނޑާލަން ނިންމާފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އިން ނިންމައިފި އެވެ.

އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ގުޅިގެން ރަށްވެހިކަން ބަދަލު ކުރަން ބޭނުންވާ މީހުން އަންނަ ހަފުތާގެ ބުދަ ދުވަހުގެ ކުރިން އެ ކަންކޮށް އައިޑީ ކާޑު ހައްދައި ނިންމަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ މީގެ ކުރިން އެދިފަ އެވެ.

ޑީއެންއާރުން މިއަދު ކުރި އިއުލާނެއްގައި ބުނީ އިންތިހާބަށް ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު އީސީއަށް ފޮނުވަން ޖެހޭތީ 18 އަހަރުން މަތީ މީހުންގެ މައުލޫމާތު ބަދަލުވެގެން އައިޑީ ކާޑު ހައްދާނަމަ އަންނަ ބުދަ ދުވަހުގެ ކުރިން އެ ކަމަށް އެދި ހުށަހަޅަން ޖެހޭނެ ކަމަށެވެ.

އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުން ފެށިގެން 18 އަހަރުން މަތީގެ މީހުންގެ މައުލޫމާތު ބަދަލުވެގެން އައިޑީ ކާޑު ހައްދައި ދިނުން މެދުކަނޑާލާނެ ކަމަށް ޑީއެންއާރުގެ އިއުލާނުގައި ބުނެފައިވެ އެވެ. އަދި ކައުންސިލް އިންތިހާބަށް ފަހު ކުރިއެކޭ ވެސް އެއްގޮތަށް، މައުލޫމާތު ބަދަލުވެގެން އައިޑީކާޑު ހައްދައި ދިނުމުގެ މަސައްކަތް ފަށާނެ ކަމަށް އިއުލާނުގައިވެ އެވެ.

އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓުގައި އޮންނަ ގޮތާ ހިލާފަށް އައިޑީ ކާޑުގައި މައުލޫމާތު އޮވެއްޖެނަމަ ވޯޓު ލުމުގެ ހައްގު ނުލިބިދާނެތީ މީގެ ކުރިން އިންތިހާބުތަކާ ދިމާކޮށް އައިޑީ ކާޑުގެ މައުލޫމާތު ބަދަލު ކޮށްދިނުން މުދެކަނޑާލާފައިވެ އެވެ.

އަންނަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި 980 ކައުންސިލަރުން އިންތިހާބު ކުރާއިރު، ކައުންސިލްތަކުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް 929 މީހުން އިންތިހާބު ކުރާނެ އެވެ. މިއީ މިހާ ގިނަ އަދަދެއްގެ ކައުންސިލަރުން އިންތިހާބު ކުރާ ފުރަތަމަ އިންތިހާބެވެ.