ލައިފްސްޓައިލް

ރާއްޖޭގެ ޒުވާން މޫނުތައް "ވޯގް" އަށް!

އެމެރިކާގެ މަޝްހޫރު ފެޝަން އެންޑް ލައިފްސްޓައިލް މަޖައްލާ "ވޯގް" ގެ ވޯގް އަރަބިޔާއިން ރާއްޖޭގެ ޒުވާން މޫނުތައް ދައްކާލައިފި އެވެ.

މި މަހު ޕަބްލިޝް ކުރި، "ފޭސަސް އޮފް ދަ މޯލްޑިވްސް" މި އާޓިކަލްގައި ކިޔައިދީފައި ވަނީ ރާއްޖޭގައި އެކި ދާއިރާތަކުގައި މަސައްކަތް ކުރާ ޒުވާނުންގެ ވާހަކަތަކެވެ. ތަފާތު ދާއިރާތަކުން މީހުންނާ ސުވާލުކޮށް އިންޓަވިއުތައް ގެނެސްދީފައިވާއިރު އެމީހުންގެ ތަޖުރިބާ އާއި މަސައްކަތް ކުރަމުން އަންނަ ގޮތް ކިޔައިދީފައިވެ އެވެ.

އެގޮތުން، ޑައިވިން އިންސްޓްރަކްޓަރު ޝާޒިޔާ ސައީދު އާއި މިއުޒީޝަން މުހައްމަދު ޝިއުޒް އާއި ފޮޓޯގްރާފަރު އައިޝަތު ނަޖް، އެމީހުންގެ ދާއިރާތަކުގައި މަސައްކަތް ކުރަން ފެށި ގޮތާއި ކުރަމުން އަންނަ ގޮތް ވަނީ ހިއްސާ ކޮށްފަ އެވެ.

މީގެ އިތުރުން، މިފަހުން އޮއިޝީ އިން މަގުބޫލުކަން ހޯދި ޝެފް ފަތީނު އާއި އިންޓަނޭޝަނަލް ޕްލެޓްފޯމްތަކުގައި އޭނާގެ ޑިޒައިންތައް ދައްކާލާފައިވާ ފެޝަން ޑިޒައިނަރު އައިޝަތު ޝަމްލާ އާއި އދ. އަތޮޅުގައި ވޭލް ޝާކް ޕްރޮގްރާމް ހިންގި އިރޫ ޒަރީރް ވެސް އޭނާގެ ތަޖުރިބާ ވަނީ ކިޔައިދީފަ އެވެ.

އަދި، ކުޑަ ވިޔަފާރިއަކުން ދުނިޔޭގެ މަގުބޫލުކަން ހޯދާފައިވާ "ޓޮޑީ އިންކް" ހިންގާ އަހުމަދު ރިޔާޒު އާާއި މުހައްމަދު ފަޔާޒް އެމީހުންގެ ވިޔަފާރި ފަތުރުވެރިންނަށް ދައްކާލަން ކުރި ބުރަ މަސައްކަތް ވެސް ހިއްސާ ކޮށްފައި ވެ އެވެ.

ވޯގްގައި ޒުވާނުންގެ މި ވާހަކަތައް ގެނެސްދީފައިވާއިރު އެއީ އައިލެންޑް ނޭޝަން އެއްގެ އެވްރިޑޭ ހީރޯސްގެ ގޮތުގައި އެ މަޖައްލާގައި ވަނީ ސިފަކޮށްފަ އެވެ.

މީގެ ކުރިން 2016 ވަނަ އަހަރު ރާއްޖޭގެ މޮޑެލް، ރައުދާ އާތިފް ވަނީ ވޯގް މަޖައްލާގެ ކަވާގައި ހިމެނިފަ އެވެ. އެއީ ދިވެއްސަކު ވޯގް އަށް އެރި ފުރަތަމަ ފަހަރު އެވެ.