ހަބަރު

މީހަކު މަރުވެއްޖެ ކަމަށް ބުނެ ކަށުނަމާދު ގްރޫޕަށް ދޮގު މައުލޫމާތު ދީފި

މީހަކު މަރުވެއްޖެ ކަމަށް ބުނެ ކަށުނަމާދު ގްރޫޕަށް ދޮގު މައުލޫމާތު ދީފި އެވެ.

މިއީ މިދިޔަ ހަ އަހަރުގެ ތެރޭގައި އެ ގުރޫޕަށް މިފަދަ ގޮތަކަށް މީހަކު ދޮގު މައުލޫމާތު ދިން ފުރަތަމަ ފަހަރެވެ. އެ ޕޭޖް ހިންގާ ފަރާތުން މިރޭ ބުނީ އާއިލާގެ މީހަކު މަރުވެއްޖެ ކަމަށް ބުނެ މީހެއްގެ ފޮޓޯއާއެކު ކަށުނަމާދުގެ މައުލޫމާތު ހާމަކޮށްދިނުމަށް އެދި އެ ޕޭޖަށް މެސެޖްކޮށްފައިވާ ކަމަށެވެ.

ރޭ އެ މައުލޫމާތު ހިއްސާކުރި މީހާ އެކަން ކޮށްފައިވަނީ 00:00 އެހާކަންހާއިރުއެވެ. އޭނާ ވަނީ ރޭގެ ފަތިސް ނަމާދަށްފަހު އުމުރުން 27 އަހަރުގެ އަންހެނެއްގެ މައްޗަށް ކަށުނަމާދު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ބުނެ މައުލޫމާތު ދީފައެވެ.

އެއާއެކު ކަށުނަމާދު ފޭސްބުކް ޕޭޖުން ވަނީ އެ ފޮޓޯއާއެކު މައުލޫމާތު ހިމަނާފައެވެ. ނަމަވެސް އޭގެ ތިން މިނެޓް ފަހުން އެއީ ދޮގު މައުލޫމާތެއްކަން އެނގި އެ ޕޯސްޓް ވަނީ ޑިލީޓްކޮށްލާފައެވެ. އެ ޕޭޖް ހިންގާ ފަރާތުން ބުނީ މިއީ އެ ޕޭޖްގެ މަގްސަދާއި ހިލާފަށް މީހަކު ކޮށްފައިވާ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ. އަދި މަޖަލަށް ހަދާ މިފަދަ ކަންކަން ނުކުރުމަށް ވަނީ އެދިފައެވެ.

އެކަން ދިމާވުމާއި ގުޅިގެން އެ ޕޭޖުން ވަނީ ކަށުނަމާދުގެ މައުލޫމާތު ގެނެސްދެމުން އައި އުސޫލް ބަދަލުކޮށް ހަރުކަށި ކޮށްފައެވެ. ކުރިއަށް އޮތްތާ އެ ޕޭޖުން އެ މައުލޫމާތު ގެނެސްދޭނީ މަރު ފޯމް ހުށައެޅުމުންނެވެ. އަދި މަރުވި މީހާގެ އައިޑީކާޑްވެސް ހުށައަޅަން ޖެހޭގޮތަށް ވަނީ ހަމަޖައްސާފައެވެ.

ބައިލައްކައަށްވުރެ ގިނަ މީހުން ފޮލޯކުރާ އެ ޕޭޖްގައި އެތައް ސަތޭކަ ބައެއްގެ ކަށުނަމާދުގެ މައުލޫމާތު ގެނެސްދީފައިވެއެވެ.