އެލްޖީއޭ

މާފުށި ކައުންސިލްގެ ނޯޓިސް ބާތިލުކުރަން އަންގައިފި

މާފުށި ކައިރީ އަޅާފައިހުރި ސަފާރީތައް ބޭރު ކުރަން އަންގާ އެ ރަށު ކައުންސިލުން ނެރުނު ނޯޓިސް ބާތިލުކުރުމަށް ކައުންސިލްތަކުގެ ބެލެނިވެރި ފަރާތްތަކަށްވާ ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އަންގައިފި އެވެ.

މާފުށީ ކައުންސިލުން ނެރެފައިވާ ނޫސް ބަޔާނެއްގައި ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއެކު މާފުށީ ކައުންސިލްގެ އިހުތިސާސް ހިނގާ ސަރަހައްދުގައި ބަނދަރުކޮށްފައިވާ ސަފާރީތައް އިހުތިސޯސް އިން ބޭރަށް ގެންދިޔުމަށް ވަނީ އަންގާފައެވެ. އެ އެންގުމާއި ގުޅިގެން ސަފާރީތައް ގެންގުޅޭ ފަރާތްތަކާއި، ގާނޫނީ ދާއިރާގެ ބޭފުޅުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެލްޖީއޭއިން ބުނީ ލާމަރުކަޒި ގާނޫނަށް ގެނެވުނު އިސްލާހުގައި ބަޔާންކޮށްފައި އޮންނަ ގޮތުން ކައުންސިލްތަކުގެ އިހްތިސާސް ކަނޑައެޅުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ ބާރެއް ކަމަށާ އެކަން ކުރުމުގެ ބާރު ކައުންސިލްތަކަށް ލިބިދީފައި ނުވާ ކަމަށް މާފުށީ ކައުންސިލަށް އަންގާފައިވާ ކަމަށެވެ.

މީގެ އިތުރުން ގާނޫނުގައި ކަނޑައެޅި ބަޔާންވެފައިވާ ގޮތުގުމަތިން އަދި އެކަމަށްޓަކައި ކޯޓަކުން ކުރާ ހުކުމަކުން މެނުއީ އެއްވެސް މީހެއްގެ މުދަލެއް އެ މީހެއްގެ ރުހުމެއްނރތި ދައުލަތަށް ނަގައިގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވާއިރު، ކަނޑައެޅިފައިވާ ގާނޫނާއި އެއްގޮތަށް ޝަރުއީ މަރުހަލާ މެދުވެރިކޮށް ނޫންގޮތަކަށް، އެއްވެސް މީހެއްގެ މުދަލެއް ނަގައި އެ ތަކެތި ނައްތާލާ ނުވަތަ ނީލަމުގައި ވިއްކާލުމަކީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

އެހެން ކަމުން އެލްޖީއޭއިން ވަނީ މާފުށީ ކައުންސިލްގެ އެ ނޯޓިސް ބާތިލުކުރުމަށް އަންގާފައެވެ.

ލާމަރުކަޒި ގާނޫނުގައި "ކައުންސިލްގެ އިހްތިސާސް ހިނގާ ސަރަހައްދު ކަނޑައެޅުމުން" މި މާއްދާގައި ބުނެފައިވަނީ އިދާރީ ދާއިރާއެއްގައި ހިމެނޭ ކޮންމެ ސިޓީ ކައުންސިލަކާއި، ރަށު ކައުންސިލެއްގެ އިހްތިސާސް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅަންވާނެ ކަމަށެވެ.

ކައުންސިލް ތަކަށް ބާރު ދީ ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހުގައި ބުނެފައިވާ ގޮތުން، ރަށު ކައުންސިލްގެ އިހުތިސޯސް އަކީ އެ ރަށެއްގެ އުރަ ފަށުން ފެށިގެން 700 މީޓަރެވެ.

މާފުށީ ކައުންސިލުން ބުނީ އެ ކައުންސިލްގެ އިހުތިސޯސްގައި އެއްވެސް ސަފާރީއެއް ބަނދަރުކޮށްފައިވާނަމަ މި މަހުގެ 10 ވަނަ ދުވަހުގެ 14:00 ގެ ކުރިން އެ ސަފާރީ އެއް އެތަނުން ނަގަން އަންގާ ކަމަށެވެ.

އެ މުއްދަތުގައި ސަފާރީތައް ނުނަގައިފިނަމަ ސަފާރީތައް ކައުންސިލްގެ ފަރާތުން ނަގާނެ ކަމަށާ، އެ ތަކެތި ނައްތާލާނެ ކަމަށެވެ. ނޫނީ ނީލަމުގައި ވިއްކާލާނެ ކަމަށް ބުނެފައިވެ އެވެ. އަދި އެ ތަކެތި ހުސްކުރުމުގެ ތެރޭގައި ސަފާރީ ތަކަށް ލިބޭ ގެއްލުމަކަށް ކައުންސިލުން ޒިންމާ ނުވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ރާއްޖޭގެ އެންމެ ފުޅާކޮށް ގެސްޓްހައުސްގެ ވިޔަފާރިކުރާ މާފުށީގެ ކައިރީގައި އަބަދު ވެސް ސަފާރީތައް ބާއްވަ އެވެ. އަދި އެ ރަށުގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރާ ބައެއް ގެސްޓްހައުސްތަކުން ވެސް ސަފާރީތައް ބަހައްޓައިގެން ވިޔަފާރި ކުރެ އެވެ.