ހަބަރު

ހޯދަމުންދިޔަ ދެ މީހުން ފެނިއްޖެ

ޑައިވިންއަށް ފަހުން ހަބަރެއް ނުވެގެން ހޯދަމުންދިޔަ ދެ މީހުން ފެނިއްޖެ އެވެ.

އެމްއެންޑީއެފްގެ އިސް ތަރުޖަމާން މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ ހެލެނގެލި އައިލެންޑް ރިސޯޓްގެ އުތުރުން ފަޅު ހިއްކައިގެން ހަދަމުންދާ ރިސޯޓެއް ކަމަށްވާ ކ. މާފަޅު ގައި މަސައްކަތް ކުރާ ދެ މީހަކު ޑައިވިން އަށް ދިޔަ ފަހުން ހަބަރެއް ނުވެގެން އެމްއެންޑީއެފަށް ރިޕޯޓް ލިބިފައިވަނީ މިއަދު މެންދުރުފަހު 14:35 ގައެވެ.

އެ ވަގުތުން ފެށިގެން އެ މީހުން ހޯދުމުގެ މަސައްކަތް ފަށާފައިވާއިރު، އެ ދެ މީހުން މިހާރު ވަނީ ފެނިފައެވެ. އާޒިމް ވިދާޅުވީ ސަލާމަތުން ތިއްބާ އެ ދެ މީހުން ފެނިފައިވަނީ ހެލެނގެލި ރިސޯޓްގެ ސްޕީޑް ބޯޓުގައި ތިބި ބަޔަކަށް ކަމަށެވެ.

"ދެ މީހުންގެވެސް ހާލު ރަނގަޅު." އާޒިމް ވިދާޅުވިއެވެ.

އެނގިފައިވާ ގޮތުގައި އެއީ އިނގިރޭސިވިލާތުގެ ދެ މީހުންނެވެ.

އެމްއެންޑީއެފުން ގެންދަނީ އިތުރު ދެ ދިވެއްސަކުވެސް ގެއްލިގެން ހޯދަމުންނެވެ. އެކަކު ގެއްލިފައިވަނީ ކަނޑުމަތީގެ އެކްސިޑެންޓެއްގައެވެ. ނަސްރުﷲ ނަމަކަށްކިޔާ އެ މީހާ ގެއްލިފައިވަނީ ޑިންގީއަކާއި ލޯންޗެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައެވެ.

މީގެ އިތުރުން ދެ ބިދޭސީންނާއެކު ދަތުރުކުރި ދޯންޏެއްގައި ހުރި ދިވެހި ކައްޕިއަކުވެސް ގެއްލިގެން ސިފައިން ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.