ސީރިއަން ރިބެލްސްގެ ބާރުގެ ދަށުގައި ކުރިން އޮތް މި ސަރަހައްދު އައި އެސް އިން ހިފާފައިވާއިރު މިއީ އެމެރިކާއާއި ތުރުކީ ގުޅިގެން އައި އެސް އާއި ކުރިމަތި ލުމަށް ތައްޔާރު ކުރަމުންދާ ސަރަހައްދާއި ކައިރި ހިސާބެކެވެ.
މި ހިސާބުގެ ގިނަ އަވަށް ތަކެއް އައި އެސް ގެ ބާރުގެ ދަށަށް ގެނެސް އެ ޖަމާއަތުން މިހާރުވަނީ ތުރުކީ ބޯޑަރާއި 12 ވަރަކަށް މޭލާ ކައިރިއަށް ޖެހިފައެވެ.
ސީރިއަން ރިބެލްސް އާއި އައި އެސް އާއި ދެމެދު ހިނގި މި ހަމަލާ ބަދަލުކުރުން ތަކުގައި ދެފަޅިންވެސް ވިއްސަކަށް ހަނގުރާމަވެރިން މަރުވެފައިވާނެ ކަމަށް ބެލެވެއެވެ. ރިބެލް ކޮމާންޑަރަކު ބުނި ގޮތުގައި އެމީހުން ތިބި އަވަށް ވަށާލައި އެ އަވަށް ހިފުމުގައި އައި އެސް އިން ވަނީ ވިހަ ގޭސް ބޭނުންކޮއްފައެވެ. އަދި މި އަވަށް ހިމެނޭ ސަރަހައްދު އައި އެސް އިން ހިފައިފި ނަމަ، އެއީ އައި އެސް އާއި ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ސީރިއަން ރިބެލް ހަނގުރާމަ ވެރިންނަށް ގެއްލޭނެ މުހިންމު ސަރަހައްދެކެވެ. އަދި އައި އެސް އަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެކެވެ.
އައި އެސް އިން ތުރުކީ ބޯޑަރާ ކައިރިއަށް ޖެހެމުން ދާއިރު، އެ ސަރަހައްދުން އައި އެސް ފައްސާލުމަށް އެމެރިކާ އާއި ގުޅިގެން ވައިގެ ހަމަލާތަށް ދިނުމަށް ތައްޔާރުވަމުން ދާ ކަމަށް ތުރުކީގެ ފޮރިން މިނިސްޓަރ މިދިޔަ ހޯމަ ދުވަހު ވަނީ ބުނެފައެވެ. އެމެރިކާއިން މިހާރުވެސް ސީރިއަން ރިބެލްސް އަށް އެހީތެރިކަން ދެއެވެ.
އައި އެސް އިން މިހާރުވެސް ތުރުކީ ބޯޑަރު ހުރަސްކޮށް ހަނގުރާމަ ވެރިންނާއި ސާމާނު އެތެރެކުރަމުންދެއެވެ. އެހެން ކަމުން އެ ޖަމާއަތަށް ތުރުކީގެ ބޯޑަރާ ކައިރި ނުވެވޭވަރު ކުރެވިއްޖެ ނަމަ އައި އެސް ގެ ނުރައްކާ އެ ސަރަހައްދުގައި ކުޑަ ކުރެވިދާނެ ކަމަށް ބެލެވެއެވެ.