ހަބަރު

ރައީސްގެ ނަސެހަތް ދަރިވަރުންނަށް: ކޮންމެ ދުވަހަކު ކުއްޖަކަށް އެހީވާތި

ސްކޫލަށް ދާންވީ ހަމައެކަނި ޓީޗަރުން ދޭ ފިލާވަޅު ދަސް ކުރާކަށް ނޫން ކަމަށާއި އަމާޒަކަށް ހަދަންވީ ކޮންމެ ދުވަހަކު ވެސް އެއް ކުއްޖަކު އަނެއް ކުއްޖަކަށް އެހީވެ އޯގާތެރި ބަޔަކަށްވުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އިއްޒުއްދީން ސްކޫލު ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވަނީ ރާއްޖޭގެ ހުރިހާ ދަރިވަރުންނަށް އަމާޒުކޮށް ސުވާލެއް ކުރައްވައިފަ އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ޔުނިފޯމް ލައިގެން ފޮތް ދަބަސް ހިފައިގެން ކޮންމެ ކުއްޖަކު ސްކޫލަށް އައުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ އެ ސުވާލުގެ ޖަވާބުގައި "ކިޔެވުމަށޭ" ކޮންމެ ދަރިވަރަކު ބުނިކަމުގައިވީ ނަމަވެސް ހަގީގީ ކިޔެވުމަކީ ހަމައެކަނި މުދައްރިސުން ދޭ ފިލާވަޅުތައް ދަސް ކުރުމެއް ނޫން ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ގިނަ ކުދިންތަކެއް އެއްތަނެއްގައި ތިބެގެން ކިޔެވުމުގެ ބޭނުމަކީ އެކަކު އަނެކަކަށް އޯގާތެރިވާން ދަސްކޮށްދިނުމަށާއި އިހުތިރާމްކޮށް އެޙީތެރިވާނެ ގޮތްތައް ދެނެގަތުމަށް ކަމަށެވެ. އަދި ކުދިންގެ ފިލާވަޅުތައް ބުނެދީ، އެކުގައި ތައުލީމް ހާސިލް ކުރުމަށް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެހެންކަމުން ހުރިހާ ދަރިވަރުން ވެސް ކޮންމެ ދުވަހަކު އެހެން ކުއްޖަކަށް ރަނގަޅު ކަމެއްކޮށްދީ އެހީތެރިވުމަށް އަމާޒު ހިފަން ރައީސް ނަސޭހަތްތެރިވެވަޑައިގަތެވެ.

"އެހެންވީމަ ކޮންމެ ކުއްޖެއްގެ ވެސް އަޒުމަކަށް ހަދަންވީ ކޮންމެ ދުވަހަކު ވެސް އެހެން ކުއްޖަކަށް ކޮންމެވެސް ރަނގަޅު ކަމެއްކޮށްދޭން. އެހެން ކުދިންނާ ބައްދަލު ކުރާއިރު އަބަދުވެސް އުފާވެރިކަމާއި ހިނިތުންވުމާއެކު ބައްދަލު ކުރަން. ކޮންމެ ދުވަހަކު ވެސް އެހެން ކުއްޖަކަށް ކޮންމެވެސް ރަނގަޅު ކަމެއްގައި އެހީތެރިވެދޭން," ރައީސް ވިދާޅުވި އެވެ.

ދަރިވަރުންނަށް އަމާޒުކޮށް ރައީސް އިތުރަށް ވިދާޅުވީ ސްކޫލެއްގެ ތެރޭގައި ހުރިހާ ދަރިވަރުންނަކީ އެއް އާއިލާއެއް ކަމަށެވެ. އަދި މައިންބަފައިންނަކީ ސްކޫލުގެ ވެރިންނާއި މުދައްރިސުން ކަމަށާއި އެހެންކަމުން އެ މީހުންގެ ނަސޭހަތް އަބަދުވެސް ގަބޫލު ކުރަން ވާނެ ކަމަށެވެ.

"މައިބަފައިންނާއި ސްކޫލުގެ ވެރިންނާއި މުދައްރިސުންގެ ބަސް ގަބޫލު ކުރާ ކުދި ބަޔަކަށް ވުމަ ރާއްޖޭގެ ހުރިހާ ދަރިވަރުންނަށް އަޅުގަނޑު އިލްތިމާސް ކުރަން. އޭރުން ތިޔަ ކުދިންނާކީ ދިރިއުޅުމުގައި އަމަލީ މައިދާނުގައި ވެސް ކާމިޔާބު ކުދިން ކަމުގައި ވެގެން ދާނެ. އަދި ދެދުނިޔޭގެ ބާއްޖަވެރިންކަމުގުައި ވެގެން ދާނެ،" ރައީސް ވިދާޅުވި އެވެ.

ތައުލީމީ ނިޒާމްއާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އިއްޒުއްދީން ސްކޫލު ހުޅުވުމާއެކު ސަރުކާރު ސްކޫލުތައް އެއްދަންފަޅިއަކަށް ބަދަލު ކުރުމުގެ ސިޔާސަތު ތަންފީޒުކުރުމުގެ މުޅިން އާ މަރުހަލާއެއް ފެށިގެން ދާނެ ކަމަށެވެ. އަދި އޭގެ ސަބަބުން ވަށައި ޖެހޭ ގޮތައް ދަރިވަރުންނާއި އާއިލާތަކަށް ވެސް ފަސޭހަ ގޮތަކަށް ކަންކަން ހަމަޖެހިގެން ދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެ ނިޒާމް [އެއްދަންފަޅި] ތަންފީޒު ބެލެނިވެރިޔާ އޮފީހަށް ދާނީ 7:40 އަށް ދަރިފުޅު ސްކޫލަށް ލާފައި. ސްކޫލުގައި ދަރިވަރުގެ ދުވަސް ފަށާނީ ހެނދުނުގެ ނާސްތާއިން. އެސެމްބްލީއަށް ފަހު އޮންނާނީ ކިޔެވުން. މެންދުރު ނަމާދު ވަގުތު ޖެހުމުން ސްކޫލުގައި ނަމާދުކޮށް މެންދުރުގެ ކެއުން އޮންނާނެ. ބެލެނިވެރިޔާ އޮފީސް ނިމިގެން ގެޔއަށް ދާނީ ހެނދުނު ސްކޫލަށްލީ ދަރިފުޅު ގޮވައިގެން. އޭރު ދަރިފުޅު ހުންނާނީ އިތުރު ހަރާތްތަކާއި އެހީދޭ ކްލާާސްތައް ވެސް ނިންމައިގެން. ދެން އެ ދުވަހު ދަރިވަރާއި ބެލެނިވެރިޔާ ވެސް އިތުރު ވަގުތަކު ސްކޫލަށް އަންނާކަށް ނުޖެހޭނެ،" ނިޒާމްގެ ފަސޭހަކަން ސިފަކޮށްދެއްވަމުން ރައީސް ވިދާޅުވި އެވެ.

ނިމިގެން މިދިޔަ އަހަރު ތައުލީމީ ދާއިރާގައި ސަރުކާރުން ހޯދި ކުރިއެރުންތަކަށް ވެސް ރައީސް އަލިއަޅުވައިލެއްވި އެވެ. އަދި ތައުލީމީ ދާއިރާއަށް ރެކޯޑު ބަޖެޓެއް ކަނޑައަޅައި އެ ދާއިރާއަށް އިސްކަން ދެއްވާ މިންވަރު ފާހަގަ ކުރެއްވި އެވެ.