ދުނިޔެ

ޗާޑް އިން ބޯކޯ ހަރާމްގެ 10 މެންބަރުންނަށް މަރުގެ ހުކުން އިއްވައިފި

Aug 29, 2015

މި ހަނގުރާމަވެރިންނަށް ހުކުމް އިއްވީ ޖޫން މަހު ޗާޑްގެ ވެރި ރަށުގައި 38 މީހުން މަރާލައި ދިން ހަމަލާތަކުގެ ކުށުގައެވެ. މިއީ ނައިޖީރިއާއަށް ނިސްބަތްވާ މި ޖަމާއަތުން ޗާޑް ގައި ދިން ފުރަތަމަ ހަމަލާތަކެވެ.

މި ހަމަލާތަކާ ގުޅިގެން ޗާޑް އިން ވަނީ ސަލާމަތީ ފިޔަވަޅެއްގެ ގޮތުގައި މޫނުބުރުގާ އަޅައިގެން އުޅުން މަނާކޮއްފައެވެ. އަދި އެގައުމުން ވަނީ ޓެރަރިޒަމްގެ ކުށް ތަކަށް މަރުގެ ހުކުމް އަނެއްކާވެސް ތައާރަފް ކޮއްފައެވެ.

ޗާޑް އަކީ އެ ސަރަހައްދުގެ ގައުމުތައް ގުޅިގެން ބޯކޯ ހަރާމްއާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ހެޑްކުއާޓަރ ހަދާފައިވާ ގައުމެވެ. އަދި ބޯކޯ ހަރާމްއިން ހިފާ ސަރަހައްދުތައް ނައިޖީރިއާއަށް އަނބުރާ ހޯދާދިނުމުގައި ޗާޑްއިން އެހީތެރިވެދެއެވެ. މިކަމާ ގުޅިގެން ބޯކޯ ހަރާމް އިން ދަނީ ޗާޑްއަށް އިތުރު ހަމަލާތައް ދޭނެ ކަމުގެ އިންޒާރު ކުރަމުންނެވެ.

ނަޖީރިއާގައި ހިލާފަތެއް ގާއިމް ކުރުމަށް މަސައްކަތް ކުރަމުންދާ ބޯކޯ ހަރާމްއިން ވޭތުވެދިޔަ ހަ އަހަރުގެ ތެރޭގައި ވިހި ހާހަށް ވުރެ ގިނަ މީހުން މަރައި ދެ މިލިއަނެއްހާ މީހުން ގެދޮރުން ފައްސާލާފައެވެ.  

ދެހާސް ދެވަނަ އަހަރު އުފެދުނު ބޯކޯ ހަރާމްގެ ފުރަތަމަ މަގުސަދަކަށްވީ ހުޅަނގުގެ ތައުލީމާ ދެކޮޅުހެދުމެވެ. ހައުސާ ބަހުން ބޯކޯ ހަރާމް ގެ މާނައަކީ "ހުޅަނގުގެ ތައުލީމް ހަރާމް" އެވެ. މި ޖަމާއަތުން އަސްކަރީ އޮޕަރޭޝަންތައް ފެށީ 2009 ވަނަ އަހަރުއެވެ.