ހަބަރު

ރައީސް ނަޝީދާއި އެމްޑީޕީގެ ވަފުދެއް ހއ. އަދި ހދ. އަށް

Jan 12, 2020

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމަށް ކުރީގެ ރައީސް އަދި މިހާރު ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއެކު އެމްޑީޕީގެ އިސް ބޭފުޅުން ހިމެނޭ ވަފުދެއް ހއ. އަދި ހދ. އަތޮޅަށް މިއަދު ފުރައިވަޑައިގެންފި އެވެ.

ހއ. އަދި ހދ. އަތޮޅަށް ކުރައްވާ ދަތުރުފުޅާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީން އެ ދެ އަތޮޅަށް ދަނީ އިންތިހާބަށް ތައްޔާރުވުމަށާއި ވީހާވެސް ގިނަ ރައްޔިތުންނާ ބައްދަލުކޮށް މަޝްރޫއުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ކަމަށެވެ.

އެ ދަތުރުގެ ތެރޭގައި ކައުންސިލްތަކަށް އަލަށް ލިބޭ މާލީ ބާރުތައް ބޭނުން ކުރާނެ ގޮތުގެ ޕްރޮގްރާމްތައް އެކުލަވައިލުމަށް މަޝްވަރާ ކުރާނެ ކަމަށާއި އެ ކައުންސިލްތަކުން ހިންގާ މަޝްރުއުތަކުން ވީހާވެސް ގިނައިން ރައްޔިތުންނަށް ވަޒީފާގެ ފުރުސަތު ތަނަވަސްވާ ގޮތައް ކަންކަން ކުރުމަށް ވެސް ވާހަކަ ދެކެވޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މި [ލޯކަލް ކައުންސިލް] އިންތިހާބު ކާމިޔާބު ކުރެވޭނެ. އިންތިހާބު ކާމިޔާބު ކުރުމަށް ދާއިރު ކައުންސިލްތައް ރަނގަޅަށް ހިންގި އެ މަޝްރޫއުތަކުގެ ތެރެއިން އިތުރަށް ދިވެހިންނަށް ވަޒީފާގެ ފުރުސަތު ތަނަވަސްކޮށްދޭން މަސައްކަތް ކުރާނަން،" ރައީސްް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ އެ ދަތުރު ނިންމާނީ ކުޅުދުއްފުށި ސިޓީ އިން ކަމަށާއި އެ ސިޓީގައި ކައުންސިލްތަކާއި ވިޔަފާރިވެރިންނާއި ރިސޯޓު މުއައްޒަފުން އަދި މަސްވެރިންނާއި ގެސްޓް ހައުސް ހިންގާ ފަރާތްތައް ހިމެނޭ ގޮތައް ބޮޑު ކޮންފަރަންސްއެއް ބާއްވާނެ ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން އެމްޑީޕީ އިން ކުރަމުން އަންނަ އިރު އެ ޕާޓީގެ ޕްރައިމަރީ އޮތީ މި މަހު 31 ގައެވެ.