ދެގައުމުގެ ބޯޑަރު ހިއްސާކުރާ ހަމަނުޖެހުންބޮޑު ކަޝްމީރު ސަރަހައްދުގައި އިއްޔެ ބަދަލުކުރި ހަމަލާތަކުގައި ވެސް ވަނީ މަދުވެގެން ނުވަ މީހުން މަރުވެފައެވެ. ޕާކިސްތާނާ ވީ ފަޅީގައި އާންމުންގެ ހަމީހުން މަރުވެ 40 މީހުން ޒަހަމްވެފައިވާކަމަށް ޕާކިސްތާނުގެ އަސްކަރިއްޔާއިން ބުނެއެވެ.
އިންޑިއާ ފަޅިން ބުނެފައިވަނީ އެގައުމުގެ އާންމުންގެ ތިން މީހަކު މަރުވެ 22 މީހުން ޒަހަމްވެފައިވާ ކަމަށެވެ. އަދި ދެ ގައުމުންވެސް ބުނަނީ އިސްވެ ހަމަލާދިނީ އިދިކޮޅު ގައުމުން ކަމަށާއި ރައްދު ހަމަލާ ދިނީ ދިފާއުވުމަށް ކަމަށެވެ.
ނިއުކްލިއަ ބާރު ލިބިފައިވާ ދެ އަވައްޓެރިންގެ މެދުގައި މަސްރަހު ގޯސްވެފައި މިވަނީ މިދިޔަ ހަފްތާ ބަންދުގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ސުލްހައިގެ ވާހަކަތައް ފަހުވަގުތު ކެންސަލްވެފައި ވަނިކޮށެވެ.
ސުލްހައިގެ ވާހަކަތައް ފެށުމަށް ނިންމާފައި ވަނީ މިދިޔަ މަހު އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއި ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފް ރަޝިޔާގައި ބޭއްވި ބައްދަލުވުމެއްގައެވެ.
އެހެންނަމަވެސް ސުލްހައިގެ ވާހަކަތަކުގައި ކަޝްމީރުގެ މައްސަލަ ހިމެނުމާއިމެދު ދެގައުމުގެ މެދުގައި ދެބަސްވުން އުފެދި އެންމެފަހުން ސުލްހައިގެ ވާހަކަތައް ކެންސަލް ކުރީއެވެ.
ނަވާރަސަތޭކަ ސާޅީސް ހަތެއްގައި ޕާކިސްތާނު އިންޑިއާއިން ވަކިވެ މިނިވަން ދައުލަތަކަށްވީ ފަހުން، ދެގައުމުގެ މެދުގައި ވަނީ ތިން ހަނގުރާމަ ހިނގާފައެވެ. ކަޝްމީރުގެ މައްސަލައިގާ އިންޑިޔާ އާއި ޕާކިސްތާނުން 1965 ގައި ކުރި ހަނގުރާމައަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ބޮޑުވަޒީރު މޯދީ އިއްޔެ ކުރެއްވި ޓްވީޓްގައި ވަނީ އިންޑިއާގެ ބިން ދިފާއު ކުރުމަށް ހަނގުރާމަ ކުރި ސިފައިންގެ ހަނދާން އާކޮށް އެފަރާތްތަކަށް އިހުތިރާމް އަދާކޮއްފަ އެވެ.