އިލެކްޝަންސް ކޮމިޝަން

ދަފްތަރު ގަޑުބަޑެއް ނުކުރަން: އީސީ

އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓަމުންދާ ސިޔާސީ ޕާޓީތަކުގެ ދަފްތަރު ގަޑުބަޑު ކޮށްފައިނުވާނެ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

ޕާޓީތަކުގެ މެންބަރުންގެ ދަފްތަރު ބަލަހައްޓަމުންދާ ގޮތާއިމެދު ސިޔާސީ ޕާޓީތަކުން އަބަދުވެސް ފާޑުކިޔައެވެ. އަދި މިފަހުން އިދިކޮޅުގެ ބައެއް މެންބަރުންގެ ނަން، އެމްޑީޕީގެ ދަފްތަރުގައި އެބައޮތް ކަމަށް ބުނެ އެކަމާއި ގުޅިގެންވެސް އިލެކްޝަންސް ކޮމިޝަނަށް ފާޑުކިޔުން އަމާޒުވިއެވެ. ނަމަވެސް އެއީ އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓަމުންދާ ދަފްތަރެއް ނޫނެވެ. އެއީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕީގެ ޓިކެޓް ދިނުމަށް އެޕާޓީން ބާއްވާ ޕްރައިމަރީއަށް ތައްޔާރުކޮށްފައިވާ އެޕާޓީގެ އަަމިއްލަ ދަފްތަރެކެވެ.

އިލެކްޝަންސް ކޮމިޝަނަށް އަމާޒުވަމުންދާ ފާޑުކިޔުންތަކާއި ގުޅިގެން އެ ކޮމިޝަނުން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ރަޖިސްޓްރީ ކުރަނީ އަދި އެ ދަފްތަރުން ނަމެއް އުނިކުރަނީވެސް އުސޫލުތަކުގެ ތެރެއިން ކަމަށެވެ.

"އިލެކްޝަންސް ކޮމިިޝަނުން ބަލަހައްޓަމުންދާ ސިޔާސީ ޕާޓީތަކުގެ ދަފްތަރު ވަނީ 'ގަޑުބަޑު' ކޮށްފައެއް ނޫން." އީސީން ކޮށްފައިވާ ޓްވީޓްގައިވެއެވެ.

ދެހާސް ނަވާރަވަނަ އަހަރު ނިމުނުއިރު ސިޔާސީ ޕާޓީތަކުގައި މެންބަރުން ތިބި އަދަދު އިލެކްޝަންސް ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ. އެ އަދަދުތަކަށް ބަލާއިރު ދައުލަތުގެ ބަޖެޓުން ފައިސާ ލިބޭ މިންވަރަށް މެންބަރުންގެ އަދަދު ހަމަވަނީ ތިން ސިޔާސީ ޕާޓީގައެވެ.

އެއީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަދި ޖުމްހޫރީ ޕާޓީ (ޖޭޕީ) އެވެ.

އަހަރު ނިމުނުއިރު އެންމެ ގިނަ މެންބަރުން ތިބީ އެމްޑީޕީގައެވެ. އެ ޕާޓީގެ މެންބާޝިޕް ވަނީ ބައިލައްކަ ފަހަނައަޅާ ގޮސްފައެވެ. އެމްޑީޕީގެ މެންބަރުންގެ އަދަދަކީ 54101 މެންބަރުންނެވެ. ދެން އެންމެ ގިނަ މެންބަރުން ތިބީ އިދިކޮޅު ޕީޕީއެމްގައެވެ. އެ ޕާޓީގެ މެންބަރުންގެ އަދަދަކީ 36078 އެވެ. ގާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓިީގައި ތިބީ 11072 މެންބަރުންނެވެ.

31 ޑިސެންބަރުގެ ނިޔަލަށް ޕާޓީތަކުގައި މެންބަރުން ތިބި އަދަދު

  • އެމްޑީޕީ 54101
  • ޕީޕީއެމް 36078
  • ޖުމްހޫރީ ޕާޓީ 11072
  • އެމްޑީއޭ 8506
  • އަދާލަތު ޕާޓީ 6789
  • ޕީއެންސީ 4221
  • އެމްޓީޑީ 3279
  • ޑީއާރުޕީ 3033
  • އެމްއެސްއެލްޑީޕީ 2977
  • އެމްއާރުއެމް 2851

އިލެކްޝަންސް ކޮމިޝަނުން ބުނީ ސިޔާސީ ޕާޓީތަކުން ހުށައަޅަމުންދާ މެންބާޝިޕް ފޯމްތައް ހަމަޖެހިފައިވާ އުސޫލުން ޕްރޮސެސް ކުރަމުން ގެންދާ ކަމަށެވެ. އަދި ފޯމްތައް ހުށައެޅުމުން އެއްވެސް ސިޔާސީ ޕާޓީއަކަށް ތަފާތު ކުރުމެއް ނުގެންގުޅޭ ކަމަށެވެ.

އަހަރު ނިމުނުއިރު ތިން ސިޔާސީ ޕާޓީއަކުން ހުށައަޅާފައިވާ ފޯމްތައް ޕްރޮސެސް ކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށްވެސް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

އެއީ ޖުމްހޫރީ ޕާޓީން ހުށައަޅާފައިވާ 1163 މެންބާޝިޕް ފޯމާއި، ޕީޕީއެމުން ހުށައަޅާފައިވާ 232 ފޯމްގެ އިތުރުން އެމްއާރުއެމުން ހުށައަޅާފައިވާ 232 ފޯމެވެ.