ދުނިޔެ

އޭޝްލީ މެޑިސަންގެ ސީއީއޯ އިސްތިއުފާދީފި

Aug 29, 2015

ސީއީއޯ ނޯއެލް ބިޑަމަން އިސްތިއުފާ ދީފައި މިވަނީ ހެކަރުންތަކެއް އެ ވެބްސައިޓް ފަޅާލައި އޭގައި ބައިވެރިވެފައިވާ އެތައް މިލިއަން ބައެއްގެ މައުލޫމާތު ލީކުކޮއްލިތާ ހަފްތާއެއްހާ ދުވަސް ފަހުންނެވެ.

ހެކަރުން ވެބްސައިޓް ފަޅާލިފަހުން ބިޑަމަން އުޅެމުންދަނީ އާންމުންނާއި މީޑިއާއަށް ނުފެނިއެވެ. ހެކަރުން ވަނީ ބިޑަމަންގެ އެތައް ހާސް އީމެއިލަކާއި ކުންފުނީގެ އެތައް ލިޔެކިޔުންތަކެއް ވެސް އާންމުކޮށްފަ އެވެ.

އެވިޑް ލައިފުން އިއްޔެ ބުނީ ސީއީއޯ ކުންފުންޏާ ވަކިވީ ދެފަރާތް އެއްބަސްވާ އުސޫލުތަކުގެ މަތިން ކަމަށާއި އާ ސީއީއޯ އަކު އައްޔަންކުރެވެންދެން ސީނިއާ މެނޭޖްމަންޓުން ކުންފުނި ނަގަހައްޓާނެ ކަމަށެވެ.

މިމަހު 18 ވަނަ ދުވަހު ހެކަރުން އެ ވެބްސައިޓުގެ މައުލޫމާތުތަށް ލީކު ކޮއްލީ އެ ވެބްސައިޓު ހިންގާ ގޮތާމެދު ހިތްހަމަ ނުޖެހޭ ކަމަށް ބުނެ ވެބްސައިޓް ބަންދުކުރުމަށް އިންޒާރު ދިނުމައްފަހު އެކަން ނުކުރުމުންނެވެ.

ހެކަރުންގެ މި ހަމަލާއާ ގުޅިގެން ބޭޒާރުވި ދެ މީހަކު އަމިއްލައަށް މަރުވެފައިވާކަމަށް ޓޮރޮންޓޯ ފުލުހުން ވަނީ ބުނެފައެވެ. ލީކު ކޮއްލި މައުލޫމާތުގައި 37 މިލިއަން ޔޫޒާސް ހިމެނޭއިރު ބައެއް މީހުން މި ވެބްސައިޓް ބޭނުން ކުރިކަމަށް އެއްބަސް ވަނީ ވެފައެވެ. އަދި އަނެއްބައި ފަރާތްތަކުން ވަނީ އެކަން ދޮގުކޮއްފައެވެ.

މިގޮތުން ދާދި ފަހުން ރާއްޖޭގައި ދީނީ ނަސޭހަތް ދިން ހަމްޒާ އެންޑްރިއާސް އަކީ ވެސް ލީކްކޮއްލި ލިސްޓުގައި ނަން ހިމެނި އެކަމަކު އެ ސައިޓް ބޭނުން ކުރިކަމަށް ދެކޮޅުހެދި ފަރާތެކެވެ.

އޭޝްލީ މެޑިސަން ގެ ހެކަރުން ހޯދައިދިން ފަރާތަކަށް އެވިޑް ލައިފްގެ ފަރާތުން ވަނީ ތިން ލައްކަ އައްޑިހަ ހާހެއްހާ ޑޮލަރު އިނާމަކަށް ހުށައަޅާފަ އެވެ.