ވިއެޓްނާމުން މިނިވަންކުރި ކުއްވެރިންގެ ތެރޭގައި މީހުން މެރަފައިވާ ކުއްވެރިންނާއި މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަ ތަކުގައި ހުކުން ތަންފީޒު ކުރަމުންދާ ކުއްވެރިން ހިމެނެއެވެ. އަދި މިނިވަން ކުރި މީހުންގެ ތެރޭގައި އެހެނިހެން ގައުމު ތަކަށް ނިސްބަތްވާ 34 މީހުން ހިމެނޭ ކަމަށް އެގައުމުން ބުނެއެވެ.
އެހެންނަމަވެސް ސިޔާސީ ކުށްވެރިން މީގެތެރޭގައި ނުހިމެނޭ ކަމަށް ވިއެޓްނާމްގެ ހަބަރުތައް ގެނެސްދޭ ބައިނަލްއަގްވާމީ ޖަމާއަތްތަކުން ބުނެ އެވެ. ދެހާސް ނުވަވަނަ އަހަރުގެ ފަހުން އެގައުމުގެ ރައީސްގެ އަފޫއާންމުގެ ދަށުން އެތައް ހާސް ގައިދީންނެއް ވަނީ މިނިވަން ކޮއްފައެވެ.
ވިއެޓްނާމުގެ އޮފިޝަލަކު ވިދާޅުވީ މިނިވަން ކުރެވުނު މީހުންގެ ތެރޭގައި ގައުމީ ސަލާމަތައް ނުރައްކާ ކުރުވި ކުށް ތަކުގައި އަދަބު ލިބެމުންދާ މީހުން ނުހިމެނޭނެ ކަމަށެވެ. އަދި މި އަފޫއާންމުން ދައްކުވައިދެނީ ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީގެ އިންސާނިއްޔަތުކަން ކަމަށާއި މި ކަމުގެ ސަބަބުން ކުށްވެރިން ފައިދާ ހުރި ބައެއްގެ ގޮތުގައި އަނބުރާ މުޖުތަމައަށް ގެނައުމަށް އެހީތެރި ވެދޭނެ ކަމަށް ވެސް އެ ގައުމުގެ ސަރުކާރުން ބުނެއެވެ.
ވިއެޓްނާމަކީ އިގްތިސޯދީ ގޮތުން ރަނގަޅު ކުރިއެރުން ތަކެއް ހޯދަމުން އަންނަ ގައުމަކަށް ވިއަސް، ސިޔާސީ ގޮތުން އިދިކޮޅު ފަރާތްތަކަށް ފިއްތުންތައް ބޮޑު ގައުމެއްގެ ގޮތުގައި އެގައުމު ފާހަގަ ކުރެވެއެވެ.
އެމްނެސްޓީ އިންޓަނޭޝަނަލް އިން 2011 ވަނަ އަހަރު ނެރުނު ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި ސަރުކާރަށް ފާޑުކިޔުމުގެ ސަބަބުން އެ ގައުމުން ވަނީ އެތަކެއް ސިޔާސީ ހަރަކާތްތެރީންނެއްގެ މައްޗަށް ނުހައްގުން ހުކުމްކޮށް ޖަލަށްލާފަ އެވެ.