ހަބަރު

ދަމަނަވެށިން ހިމަބިހީގެ ވެކްސިން ދޭން ފަށައިފި

ރާއްޖޭގައި ފެތުރެމުންދާ ކަމަށް މިއަދު އިއުލާނު ކުރި ހިމަ ބިހި ނުވަތަ މީސްލްސްގެ ވެކްސިން ދަމަނަވެށިން ދޭން ފަށައިފި އެވެ.

ދަމަނަވެށިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ މީސްލްސް ވެކިސިން ދެނީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:15 އިން ހަވީރު 5:00 އަކަށް ކަމަށެވެ.

އެގޮތުން މީސްލްސް ވެކްސިން ޖަހައި ދޭނީ އެ ވެކްސިންގެ ދެ ޑޯޒް ފުރިހަމަނުކޮށް ތިބި ކުދިންގެ ތެރެއިން އުމުރުން 18 އަހަރުން ދަށުގެ ކުދިންނަށް ކަމަށެވެ. އަދި ވެކްސިން ޖެހުމަށް ވަޑައިގަންނަވާއިރު، ކުއްޖާގެ އައިޑީ ކާޑުގެ އިތުރުން ވެކްސިން ފޮތް ގެނައުމަށް ވެސް ދަމަނަވެށިން ވަނީ އެދިފަ އެވެ.

"ވެކްސިން ފޮތް ނެތް ކުދިންނަށްވެސް އައިޑީކާޑު ގެނައުމުން ވެކްސިން ޖަހައިދޭނެ" އިއުލާނުގައި ވެ އެވެ.

އެ ވެކްސިން ޖަހައި ދިނުމަށް ހަމަޖެހިފައިވަނީ އެއްވެސް ފީ އަކާ ނުލަ އެވެ.

ރާއްޖެއިން ހިމަބިހި ނައްތާލާފައިވާ ކަމަށް ކަނޑައަޅާފައިވަނީ ޖޫން 2017 ގައެވެ. ޑަބްލިއުއެޗްއޯއިން އެގޮތަށް ކަނޑައެޅީ އެ ބަލި ރާއްޖޭގައި ގައިން ގަޔަށް އެރުން ހުއްޓުވާފައިވުމާއި 2009 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި މީހަކަށްއެބަލި ޖެހިފައި ނުވާތީ އެވެ.

ހިމަ ބިއްސަކީ ވެކްސިންގެ އެހީގައި ރައްކާތެރިވެވޭ ބައްޔެކެވެ. އެ ބަލިން ދިފާއުވާ ވެކްސިން ރާއްޖޭގައި ދޭން ފަށާފައި ވަނީ 1979 ވަނަ އަހަރު އެވެ.

މީސަލްސްގެ އަލާމާތްތައް އެ ބަލި ޖެހޭތާ 10 ދުވަސް ފަހުން ފެންނަން ފަށާއިރު އެ ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ ކަންފަތުގެ އިންފެކްޝަން، ނިއުމޯނިއާ، ފުއްޕާމޭގެ އިންފެކްޝަން، ސިކުނޑިއަށް އަސަރުކުރުން، ލޯ އަނދިރިވުން، ގިނަ ދުވަހަށް ބޭރަށް ހިންގުމެވެ.