ހަބަރު

40 އަހަރުން ދަށުގެ އެންމެންނަށް ހިމަބިހީގެ ވެކްސިން ދެނީ

އުމުރުން 40 އަހަރުން ދަށުގެ އެންމެންނަށް ހިމަބިހީގެ ވެކްސިން ދޭން ހެލްތު މިނިސްޓްރީން ނިންމައިފި އެވެ.

ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ކޮންފަރެންސްއެއްގައި މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ، އައުޓްބްރޭކް ކޮންޓްރޯލް ކުރުމުގެ ގޮތުން ވެކްސިން ޑޯޒް ފުރިހަމަ ނުވެ ތިބި ހުރިހާ އެންމެނަށް ވެކްސިން ދޭން ނިންމާފައިވާ ކަމަށެވެ. ވެކްސިން ދިނުމަށް ހާއްސަ މަރުކަޒުތަކުގައި މި ހަރަކާތް އެންމެ ފުރަތަމަ ކުރިއަށްގެންދަނީ މި މަހު 23 އިން ފަށައިގެން މާލެ ސަރަހައްދުގަ އެވެ.

މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި ހިމަބިހީގެ ހާލަތު ކޮންޓްރޯލް ވީ ކަމަށް ގަބޫލު ނުކުރެވޭތީ އާއި ބައެއް ފަރާތްތަކަށް ކުރިން ވެކްސިން ޖަހާފައި ވޭތޯ ނުވަތަ ޖެހުނު ކަމުގެ ކަށަވަރު ކަމެއް ނުލިބޭތީ އަލުން ވެކްސިން ދޭން ނިންމާފައިވާ ކަމަށެވެ.

"ރާއްޖޭގައި ވެކްސިން ދީފައި ހުރި ފަރާތްތަކަށް، ވެކްސިން ދިން ކަން ކަށަވަރު ނުވާ ފަރާތްތަކާއި ފުރިހަމަ ނުވާ ފަރާތްތައް ހުރި ކަން ފާހަގަކުރެވިފައިވަނީ، އެހެންކަމުން މިއަދު މި ފަށަނީ ވެކްސިން ދިނުމުގެ މަސައްކަތް،" އަމީން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ތިން މަސް ދުވަހަށް ކުރިއަށްގެންދާ މި މަސައްކަތުގައި ރާއްޖޭގައި މަސައްކަތް ކުރާ 40 އަހަރުން ދަށުގެ ބިދޭސީންނަށް ވެސް ވެކްސިން ޖެހުމަށް ވަނީ ނިންމާފައި ކަމަށެވެ.

މި ހަރަކާތް ކުރިއަށްގެންދަނީ މިހާރުވެސް ވެކްސިން ދެމުން ގެންދާ ދަމަނަވެށި، އަދި ސޯޝަލް ސެންޓަރުގަ އެވެ. ހުޅުމާލޭގައި ހުންނަ އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްގައި އަދި ވިލިމާލޭ ފެރީ ޓާމިނަލްގައި ވެސް ވެކްސިން ދިނުމަށް މަރުކަޒު ގާއިމް ކުރެ އެވެ.

"ކަށަވަރު ކުރަން ބޭނުންވަނީ ތިން މަސް ދުވަހުގެ ތެރޭގައި ވެކްސިންގެ މަސައްކަތްތައް ނިންމުން، އަދި ތިން މަސްތެރޭ ނުނިމޭ ކަމުގައި ވާނަމަ މުއްދަތު ދިގު ކޮށްގެންވެސް ހުރިހާ ފަރާތްތަކަށް ވެކްސިން ދިނުން،" މިނިސްޓަރު ވިދާޅުވި އެވެ.

ޔުނިސެފް މެދުވެރިކޮށް ހޯދި ދެ ލައްކަ ވެކްސިން ޑޯޒް އާއި އިންޑިއާއިން ހަދިޔާ ކުރި 30،000 ވެކްސިންގެ ޑޯޒް މި ހަރަކާތުގައި ބޭނުން ކުރާނެ ކަމަށް ވިދާޅުވި އެވެ. އަދި މި މަހުގެ ތެރޭގައި ވެކްސިންގެ ކަންކަމަށް ހޭލުންތެރި ކުރުމުގެ ގޮތުން ކެމްޕޭނެއް ކުރިއަށްގެންދިޔުމަށް ނިންމާފައިވާ ކަމަށް ވެސް ހެލްތު މިނިސްޓްރީން ބުންޏެވެ.

ރާއްޖޭގައި ހިމަބިހި އަލުން ފާހަގަވި ފަހުން 7900 އަށް ވުރެ ގިނަ މީހުންނަށް ވަނީ ވެކްސިން ދީފަ އެވެ.