ރާއްޖޭން ނައްތާލާފައިވާ ހިމަބިހި އަލުން ފެތުރެން ފަށާފައިވާ ކަން އިއުލާން ކުރި ފަހުން އިތުރު މީހަކަށް އެ ބަލި ޖެހިއްޖެ އެވެ. މިއީ ހިމަބިއްސަށް ޕޮޒިޓިވްވި ތިން ވަނަ މީހާ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރި ޓްވީޓެއްގައި ބުނީ މިއަދު ހިމަބިއްސަށް ޓެސްޓުކުރި 10 މީހުންގެ ތެރެއިން އެކަކު އެ ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަަމަށެވެ.
ހިމަބިއްސަށް ޝައްކުވެ އެންމެ ފުރަތަމަ ޓެސްޓު ކޮށް ޕޮޒިޓިވް ވީ ތިން އަހަރުގެ ފިރިހެން ކުއްޖަކަށެވެ. އެއަށްފަހު 30 އަހަރުގެ ދިވެހި ފިރިހެނެއްގެ ގައިން ވެސް އެ ބަލި ފެނިފައިވެ އެވެ. މިއަދު ޕޮޒިޓިވްވި މީހާއާ އެކު މިހާރު ހިމަބިހި ޖެހުނު މީހުންގެ އަދަދު މިހާރު ތިނަކަށް އަރައިފި އެވެ.
މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ، ހުން އައުމުގެ އަލާމާތްތައް ހުންނަ މީހުން އިތުރަށް ޓެސްޓް ކުރަމުން އަންނަ ކަަމަށެވެ. އޭގެ ތެރެއިން ހުން އައިސްގެން ރިޕޯޓް ކޮށްފައިވާ 10 މީހެއްގެ ޓެސްޓް ހަދަމުން ގެންދާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ. މިއަދު ޕޮޒިޓިވް ވީ މި 10 މީހުން ތެރެއިން މީހެކެވެ.
ރާއްޖެއިން ހިމަބިހި ނައްތާލާފައިވާ ކަމަށް ކަނޑައަޅާފައިވަނީ ޖޫން 2017 ގައެވެ. ޑަބްލިއުއެޗްއޯއިން އެގޮތަށް ކަނޑައެޅީ އެ ބަލި ރާއްޖޭގައި ގައިން ގަޔަށް އެރުން ހުއްޓުވާފައިވުމާއި 2009 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި މީހަކަށްއެބަލި ޖެހިފައި ނުވާތީ އެވެ.
ހިމަ ބިއްސަކީ ވެކްސިންގެ އެހީގައި ރައްކާތެރިވެވޭ ބައްޔެކެވެ. އެ ބަލިން ދިފާއުވާ ވެކްސިން ރާއްޖޭގައި ދޭން ފަށާފައި ވަނީ 1979 ވަނަ އަހަރު އެވެ.
މީސަލްސްގެ އަލާމާތްތައް އެ ބަލި ޖެހޭތާ 10 ދުވަސް ފަހުން ފެންނަން ފަށާއިރު އެ ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ ކަންފަތުގެ އިންފެކްޝަން، ނިއުމޯނިއާ، ފުއްޕާމޭގެ އިންފެކްޝަން، ސިކުނޑިއަށް އަސަރުކުރުން، ލޯ އަނދިރިވުން، ގިނަ ދުވަހަށް ބޭރަށް ހިންގުމެވެ.