ރިޔާސީ އިންތިހާބާއި، ރައްޔިތުންގެ މަޖިލީސް އިންތިހާބު އަދި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ފެނިވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ކެންޕެއިން ދަތުރުފުޅުގައި ހދ. ނޮޅިވަރަމަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ބައެއް ރައްޔިތުން ސަރުކާރުން ކުރާ ބައެއް މަސައްކަތްތައް ލަސްވެގެން އެކަމުގެ ޝަކުވާ ކުރަމުންދާ ކަމަށެވެ. ބައެއް ކަންކަން ކުޑަކޮށް ލަސްވެފައި ހުރެދާނެ ކަމަށާ އެއީ ސަބަބުތަކެއް މެދުވެރިވެގެން ދިމާވާ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެންމެ ބޮޑު ސަބަބަކަށް އެމަނިކުފާނަށް ފެނިވަޑައިގަންނަވަނީ ރާއްޖޭގައި ބޭއްވޭ ތިން އިންތިހާބު އެކި ދުވަސްވަރު ބޭއްވުން ކަމަށެވެ. އެއް ދުވަހެއްގެ އެއް ވަގުތެއްގައި ތިން އިންތިހާބު ބޭއްވިއްޖެނަމަ ތަރައްގީއަށް ކުރާ މަސައްކަތަށް އިތުރު ހަލުވި ކަމެއް އަންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"ތެދުފުޅެއް ބައެއް މައްސަލަތައް ކަންތައްތައް ކުޑަކޮށް ލަސްވެފައި ހުރެދާނެ. ބައިވަރު ސަބަބުތަކެއް އެބަހުރި. އެންމެ ބޮޑު އެއް ސަބަބަކަށް އަޅުގަނޑަށް ފެންނަނީ އިންތިހާބުތައް ވަކިވަކިން އޮތުން. އަޅުގަނޑުމެން ވެއްޖެ ކޮންމެވެސް ހިސާބެއްގައި މި ތިން އިންތިހާބު [ރިޔާސީ އިންތިހާބު، މަޖިލީސް އިންތިހާބު، ކައުންސިލް އިންތިހާބު] އެއް ދުވަހެއްގެ އެއް ވަގުތެއްގައި ބާއްވަން. އެހެން ނޫންނަމަ ކަންތައްތައް ނިންމުމުގައި ލަސްތަކެއް އެބަ އާދޭ." ރައީސް ސޯލިހް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ސަރުކާރެއް އެކުލަވާލުމާއެކު ހައެއްކަ މަސްދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީސް އިންތިހާބު ކުރިމަތިވާ ކަމަށެވެ. އެ އިންތިހާބުން ކާމިޔާބު ހޯދުމަށް ސަރުކާރަށް މަޖުބޫރު ކަމަށާ އެހެން ކަމުން ސަރުކާރުގެ ފޯކަސް އިންތިހާބަށް ބަހައްޓަން ޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި އެ އިންތިހާބު ނިމި ދިހަވަރަކަށް މަސް ފަހުން ކައުންސިލް އިންތިހާބު ކުރިމަތިވާއިރު، ކައުންސިލް އިންތިހާބަކީ ރައްޔިތުންނަށް ހިދުމަތް ދިނުމަށް ސަރުކާރަށް އެންމެ މުހިންމު އިންތިހާބު ކަަމަށެވެ.
އެހެން ކަމުން އިންތިހާބުތަކަށް ފޯކަސް ކުރަން ޖެހުން ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ކުޑަ ލަސްކަމެއް މެދުވެރިވާ ކަމަށެވެ.
ތެދުފުޅެއް ބައެއް މައްސަލަތައް ކަންތައްތައް ކުޑަކޮށް ލަސްވެފައި ހުރެދާނެ. ބައިވަރު ސަބަބުތަކެއް އެބަހުރި. އެންމެ ބޮޑު އެއް ސަބަބަކަށް އަޅުގަނޑަށް ފެންނަނީ އިންތިހާބުތައް ވަކިވަކިން އޮތުން. އަޅުގަނޑުމެން ވެއްޖެ ކޮންމެވެސް ހިސާބެއްގައި މި ތިން އިންތިހާބު [ރިޔާސީ އިންތިހާބު، މަޖިލީސް އިންތިހާބު، ކައުންސިލް އިންތިހާބު] އެއް ދުވަހެއްގެ އެއް ވަގުތެއްގައި ބާއްވަން. އެހެން ނޫންނަމަ ކަންތައްތައް ނިންމުމުގައި ލަސްތަކެއް އެބަ އާދޭއިބްރާހިމް މުހައްމަދު ސޯލިހް | ރައީސުލްޖުމްހޫރިއްޔާ
ރައީސް ވިދާޅުވީ ނިމިގެންދިޔަ ރިޔާސީ އިންތިހާބާއި، ޖިލީސް އިންތިހާބުގައިވެސް ރައްޔިތުން ތާއީދު ދެއްވީ އެމްޑީޕީއަށް ކަމަށެވެ. އެކަމުން ރައްޔިތުން ތާއީދު އެމްޑީޕީގެ ސިޔާސަތުތަކަށް އޮތް މިންވަރު ހާމަކޮށްދީފައިވާ ކަމަށެވެ.
ނަަމަވެސް ނިމުނު ދެ އިންތިހާބަށްވުރެ ކުރިއަށް އޮތް ކައުންސިލް އިންތިހާބަކީ މާ ބޮޑު އިންތިހާބެއް ކަމަށާ އެއީ މާ މުހިންމު އިންތިހާބެއް ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި އެމްޑީޕީ ނޫން ބަޔަކަށް ކައުންސިލްތައް ދީފިނަމަ ތަރައްގީއަށް ފަށާފައިވާ މަސައްކަތްތަކަށް ހުރަސްތަކެއް ކުރިމަތިވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.