ހަބަރު

އުސްގެކޮޅު ހޯދަން މަސައްކަތް ކުރާނަން: ތޯރިގު

ރަސްރަނި ބަގީޗާގައި ހުންނަ އުސްގެކޮޅު، ހެރިޓޭޖް މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންދަން ކުރަންޖެހޭ ކަންކަން ކުރައްވާަނެ ކަމަށް ހެރިޓޭޖް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ތޯރިގު ވިދާޅުވެއްޖެ އެވެ.

ތޯރިގު މިހެން ވިދާޅުވީ 100 އަށް ވުރެ ގިނަ އަހަރުވީ އުސްގެކޮޅު މިހާރު ބޭނުން ކުރަނީ މާލޭ ސިޓީ ކައުންސިލްގެ އިދާރާގެ ގުދަނަކަށް ކަމަށް މާލޭގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެފައި ވަނިކޮށެވެ.

ތޯރިގް ވިދާޅުވީ އުސްގެކޮޅު ބަލަހައްޓަނީ ޕްލޭނިން މިނިސްޓްރީން ކަމަށާއި ސިޓީ ކައުންސިލުން އެތަން ގުދަނަކަށް ހެދުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އަދި ވިދާޅުވީ ކުރީ ސަރުކާރުގައި އުސްގެކޮޅުގައި ކެފޭއެއް ހަދަން ބަޔަކާއި ހަވާލު ކޮށްފައި އޮތް ކަމަށާއި އެ މަސައްކަތް އެ ފަރާތުން ފެށި ނަމަވެސް ފަހުން އޮތީ ހުއްޓާލާފައި ކަމަށެވެ. އަދި އެ އެއްބަސްވުމެއްގެ ސަބަބުން އުސްގެކޮޅު ހެރިޓޭޖް މިނިސްޓްރީގެ ދަށަށް އެތަން ގެންދަން ދަތިތަކެއް ހުރި ކަމަށެވެ.

"ރާއްޖޭގެ ހުރި އެންމެ ގިނަ ދުވަސްވީ އެއް އާސާރީ ބިނާ އެއީ. އެގޮތަށް އެތަން ގުދަނަކަށް ހަދައި، ބަޔަކު މީހުން ކެފޭ އަކަށް ހަދަން އަޅުގަނޑުމެން ދުލެއް ނުކުރާނަން. ރައީސް ޔާމީންގެ ސަރުކާރުގަ އެތަނުގަ ކެފޭ ހިންގުމަށް ބަޔަކާ ހަވާލުކޮށްފަ ހުރި ކަމަށް މިހާތަނަށް އަޅުގަނޑަށް މައުލޫމާތު ލިބެނީ... މިހާރު އެތަން ނުނެގިގެން މިއުޅެނީ އެއްބަސްވުން ބާތިލް ނުކުރެވިގެން. އެކަމަކު އަޅުގަނޑުމެން އެތަން ހޯދަން ކުރެވުނު މަސައްކަތެއް ކުރާނަން،" ތޯރިގު ވިދާޅުވި އެވެ.

އުސްގެކޮޅު ގުދަނަކަށް ހަދާފައިވާއިރު ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި ތަރައްގީކޮށްފައިވާ ސަލްޓަން ޕާކަށް އަޅައި ނުލާ ކަމުގެ ޝަކުވާތައް ވަނީ ގިނަވެފަ އެވެ.