ހަބަރު

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ހިދުމަތް ފަށައިފި

އައްޑޫގައި ތަރައްގީ ކުރި އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި މިއަދު ހިދުމަތްތައް ދޭން ފަށައިފި އެވެ.

އާ ޓާޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި ކުރީގެ އައްޑޫ ކޮންވެންޝަން ސެންޓަރުގައި ހެދި މި ހޮސްޕިޓަލުގައި މިއަދު ވަނީ އޯޕީޑީގެ ހިދުމަތްތައް ފަށާފަ އެވެ.

ހޮސްޕިޓަލުގެ މެނޭޖަރު ޝަފާފް ޝަދާތު ވިދާޅުވީ، ހެނދުނު 9:00 އިން ހަވީރު 5:00 ހިދުމަތްތައް ދޭނެ ކަމަށެވެ. އެގޮތުން، 11 ހިދުމަތަކަށް ޑޮކްޓަރުން ބައްލަވާނެ ކަމަށެވެ.

ހިދުމަތް ފަށަފައި ވަނީ އާންމު ބަލިތަކާއި ކުޑަކުދިންގެ ބަލިތަކާއި އޮޕަރޭޝަނާއި ދަތުގެ ބަލިތަކާއި ސްކޭނާއި ކަރުންމަތީގެ ބަލިތަކާއި ނަފުސާނީ ބަލިތަކާއި އަންހެނުންގެ ބަލިތަކާއި ހަމުގެ ބަލިތައް އަދި ހިތުގެ ބަލިތަކެވެ.

އާ ހޮސްޕިޓަލުގައި މިއަދު ބައެއް ހިދުމަތްތައް ފެށި ނަމަވެސް ހޮސްޕިޓަލުގެ ބައެެއް މަސައްކަތްތައް އަދިވެސް ނުނިމެ އެވެ.

އިކުއެޓޯރިއަލް ހޮސްޕިޓަލް ހުޅުވާ ހިދުމަތްތައް ދޭން ފެށުމާއެކު، ހިތަދޫ ރީޖަނަލް ހޮސްޕިޓަލް އުވާލާނެ ކަމަށް މީގެ ކުރިން ވަނީ އިއުލާން ކޮށްފަ އެވެ.

މި ހޮސްޕިޓަލަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސައޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓާއި އޯޕެކް ފަންޑް ފޮ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) އިން 171 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދަން ފެށި ތަނެކެވެ. މިހާރު އަންނަނީ އެތަން ހުޅުވަން ފަހުގެ ތައްޔާރީތައް ވަމުންނެވެ.