ހަބަރު

އިކުއިޓޯރިއަލް ހޮސްޕިޓަލުގެ ސީއީއޯއަކަށް ޑރ. ސޯލިހު

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ ސީއީއޯގެ މަގާމަށް ބޭފުޅަކު އައްޔަން ކޮށްފި އެވެ.

ރައީސް އޮފީހުން ބުނީ އަައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް ސ.ހުޅުދޫ، ކުއްޅަވައްގެ، ޑޮކްޓަރު މުހައްމަދު ސޯލިހު މިއަދު އައްޔަން ކޮށްފައިވާ ކަމަށެވެ.

އަދި އެބޭފުޅާގެ އެ މަަގާމަކީ މިނިސްޓަރުގެ ނައިބުންނާއި އެއް ފެންވަރުގެ މަގާމެއް ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ. .

ސިއްހީ ދާއިރާގައި 25 އަހަރު ހޭދަކުރައްވާފައިވާ ޑރ. ސޯލިހަކީ ރާއްޖޭގައި މަޝްހޫރު ސާޖަން އެކެވެ. އަދި ހޮސްޕިޓަލް މެނޭޖްމަންޓު ދާއިރާއިން މާސްޓާސް ވެސް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.

އޭނާ މީގެ ކުރިން ހުންނެވީ މެޑިކާ ހޮސްޕިޓަލުގެ ޗީފް ސާޖަންގެ މަގާމުގައި އެވެ. ހަމަ އެއާއެކު، އެ ހޮސްޕިޓަލުގެ މެނޭޖިންގް ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމު ވެސް އަދާކުރައްވާފަ އެވެ. މީގެ އިތުރުން، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލާއި އިތުރު އެހެން ސިއްހީ ހިދުމަތްދޭ އިދާރާތަކުގެ އިސް މަޤާމުތައް ވެސް ޑރ. ސޯލިހު ވަނީ ފުރުއްވާފަ އެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް މާލެއިން ބޭރުގައި ގާއިމްކުރެވުނު ޓާޝަރީ ހޮސްޕިޓަލެވެ.

މި ހޮސްޕިޓަލުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރޭގައި، އެމްއާރްއައި އާއި، ސީޓީ ސްކޭންގެ ހިދުމަތާއި، އެންޑޯސްކޯޕީ، ކޮލޮނޮސްކޮޕީ އަދި ބްރޮންކޮސްކޯޕީ ގެ ހިދުމަތް ހިމެނެ އެވެ.