އެޑެން ހަޒާޑް

ސީޒަން ފެށިއިރު ހުރީ ބަރު ވެފައި: ހަޒާޑް

މި ސީޒަނަށް ޓީމު ތައްޔާރުވާން ފެށިއިރު އޭނާ ބަރުވެފައި ހުރި ކަމަށް، ޗެލްސީ ދޫކޮށް މި ސީޒަންގައި ރެއާލް މެޑްރިޑަށް ބަދަލުވި އެޑެން ހަޒާޑް އެއްބަސް ވެއްޖެ އެވެ.

ސްޕޯޓްސް އެންޑް ފުޓް މެގަޒިނަށް ދިން އިންޓަވިއުގައި ބެލްޖިއަމްގެ ފޯވަޑް ބުނީ، ހޫނު މޫސުމުގެ ޗުއްޓީ ނިންމާފައި އައިއިރު އޭނާގެ ގައިގައި 80 ކިލޯ ހުރި ކަމަށެވެ. އެއީ އޭނާ ޗުއްޓީގައި ހުރުމުން ކަމަށް ވެސް ހަޒާޑް ބުންޏެވެ.

"އަހަންނަކަށް ދޮގެއް ނުހެދޭނެ، އެއީ ތެދެއް،" މެޑްރިޑަށް ދިޔައި އިރު އޭނާ ހުރީ ހުންނަން ޖެހޭ ވަރަށްވުރެ ބަރުވެފައިތޯ ސުވާލު ކުރުމުން ހަޒާޑް ބުންޏެވެ. "ނަމަވެސް އަހަރެން ހުރީ ޗުއްޓި ހޭދަ ކުރުމުގައި، ޗުއްޓި ހޭދަ ކުރާއިރު އޮންނާނީ ޗުއްޓީގައި، ހޫނު މޫސުމުގެ ޗުއްޓީގައި އަހަރެން ފަސް ކިލޯ އިތުރުވި."

"އަހަންނަކީ ވަރަށް އަވަހަށް ބަރުވާ މީހެއް، އަދި އެހާ އަވަހަށް ލުއި ވެސް ކޮށްލެވޭނެ، އަހަރެންގެ އުމުރުން 18 އަހަރުގައި ލިއްލޭއަށް ކުޅުނު އިރު 72 އަދި 73 ކިލޯއަށް ވެސް އަރާ އަދި 75 އަށް ވެސް ދޭ... ހޫނު މޫސުމުގެ ޗުއްޓިން އައިއިރު އަހަރެން ހުރީ 80 ކިލޯގައި، ނަމަވެސް 10 ދުވަސްތެރޭ އަހަރެން ލުއި ކޮށްލިން."

ޗެލްސީއަށް 105 މިލިއަން ޔޫރޯ ދިނުމަށް ފަހު، ރެއާލްއިން ހަޒާޑް ގެނައީ ހޫނު މޫސުމުގެ ޓްރާންސްފާގަ އެވެ. މި ސީޒަންގައި ހަޒާޑަށް އަސްލު ކުޅުން ދެއްކޭ ގޮތެއް ނުވެ އެވެ. އޭނާ މިހާރުވެސް ހުރީ އަނިޔާގަ އެވެ. އެއީ މިސީޒަންގައި އޭނާއަށް ކުރިމަތިވި ދެ ވަނަ އަނިޔާ އެވެ.