އަނިޔާއިން ރަނގަޅުވެ ރެއާލް މެޑްރިޑް އާއި ޑިޕޯޓިވޯ އަލަވޭސް ބައްދަލު ކުރި މެޗުގައި އެޑެން ހަޒާޑް ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ.
ރެއާލް އަށް ބަދަލުވި ތަނާ ހަޒާޑްގެ ކުޑަ ހުޅަށް އަނިޔާވެ އޭނާ ވަނީ ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާއި ދުރުގައި ހުންނަން ޖެހިފަ އެވެ. މީގެ ސަބަބުން އޭނާގެ ކުޅުމަށް ވަނީ އޭގެ ނެދެވެ އަސަރު ވަރަށް ބޮޑަށް ކޮށްފަ އެވެ.
ދެ އަހަރެއްހާ ދުވަހު އަނިޔާގައި ހުރުމަށް ފަހު މިހާރު އޭނާގެ ކުޑަ ހުޅު މުޅިން ރަނގަޅު ވެފައިވާ ކަމަށާއި މިހާރު ދެން އޮތީ އޭނާގެ ހިތްވަރެއް ކަމަށް ރެއާލް އިން ބުންޏެވެ.
މިކަމާއި ގުޅިގެން ހަޒާޑް ބުނީ ކުޑަ ހުޅުގެ އަނިޔާ އާއި މެދު މިހާރު އޭނާގެ ހިތުގައި އެއްވެސް ބިރުވެރިކަމެއް ނެތް ކަމަށެވެ. އެކަން ސާބިތު ކުރުމުގެ ގޮތުން އޭނާ ވަނީ ލަލީގާގައި ރެއާލް ކުޅުނު ފުރަތަމަ މެޗުގައި ރަނގަޅު ކުޅުމެއް ދައްކާފަ އެވެ.
ރެއާލް މެޑްރިޑުން ހަޒާޑް އެޓީމަށް ގެނައީ އޭނާ ޗެލްސީގައި ހުއްޓާ 100 މިލިއަން ޔޫރޯ އަށެވެ. ނަމަވެސް އަނިޔާގެ ސަބަބުން ޗެލްސީގައި ދެއްކި މޮޅު ކުޅުން ހަޒާޑަށް ރެއާލްގައި ދެއްކޭ ގޮތެއް ނުވި އެވެ.
ރެއާލްގެ ކޯޗު ކާލޯ އެންޗެލޯޓީ ބުނީ ހަޒާޑް ޗެލްސީގައި ކުޅުނު މޮޅު ކުޅުމަށް އަނބުރާ ގެނައުމަށް ވަރަށް ބޮޑު އިސްކަމެއް ދޭނެ ކަމަށެވެ.
ހަޒާޑުގެ އަނިޔާގެ މައްސަލަތައް ގިނަވެ މީގެ ކުރިން ރެއާލުން ވަނީ އޭނާ ވިއްކާލުމަށް ވެސް ވިސްނާފަ އެވެ. ނަމަވެސް ހަޒާޑް ވިއްކާ ނުލީ އޭރުން ޓީމަށް ދިމާވެދާނެ ދަތި ތަކާއި، ހަޒާޑަށް އޮތް އިތުބާރެއްގެ ބޮޑު ކަމުންނެވެ.