ޗެލްސީއަށާއި ރެއާލް މެޑްރިޑަށް ކުޅުނު ބެލްޖިއަމްގެ ފޯވާޑް އެޑެން ހަޒާޑް ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އަތުވެއްޖެއެވެ.
އެމިރޭޓްސް އެއާލައިންސްގައި ބުރާސްފަތި ދުވަހުގެ ރޭ ރާއްޖެ އައި ހަޒާޑް ޗުއްޓީ ހޭދަކުރަމުން ދަނީ ރ. އަތޮޅުގައި އޮންނަ މަޝްހޫރު ރިސޯޓެއް ކަމުގައިވާ ޖޯލި މޯލްޑިވްސް ގައެވެ.
ހަޒާޑް ވަނީ ރާއްޖޭގެ ގަައުމީ ޓީމަށާއި މާޒިޔާއަށް ކުޅެމުން އަންނަ ހަމްޒާ މުހައްމަދު (ހަމްޕް)އަށް އޭނާގެ އޮޓޮގްރާފް ދީފަ އެވެ. ހަޒާޑް ސޮއިކޮށްފައިވަނީ ހަމްޕު މާޒިޔާއަށް ކުޅުނު ޖާޒީއެއްގައެވެ. ސޮއިކޮށްފައިވާ ޖާޒީގެ ފޮޓޯތައް ހަމްޕު ވަނީ ސޯޝަލްމީޑިއާގައި ހިއްސާކޮށްފަ އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ ޗެލްސީއަށް ހަޒާޑް ކުޅެމުން ދިޔައިރު، ގިނަ މީހުން ގަބޫލުކުރި ގޮތުގައި ހަޒާޑްއަކީ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިން ކަމަށްވާ ލިއޮނަލް މެސީއާއި ކްރިސްޓިއާނޯ ރޮނާލްޑޯއާ ޖެހިގެން، ދުނިޔޭގެ ތިންވަނައަށް އެންމެ މޮޅު ކުޅުންތެރިޔާ އެވެ. އެކަމަކު އަނިޔާގެ މައްސަލަތަކާ ހުރެ، އޭނާއަށް ފުޓްބޯޅައިގެ ތެރޭގައި އުޅެވޭ ގޮތެއް ނުވި އެވެ.
ޖުމްލަ 352 މެޗެއްގައި 110 ލަނޑު ޖަހާފައިވާ ހަަޒާޑްއަކީ ޗެލްސީގެ ތާރީޙުގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ އެވެ. ދެ ޕްރިމިއާ ލީގާއި ދެ ޔޫރޮޕާ ލީގުގެ އިތުރުން، އޭނާ ވަނީ ޗެލްސީއަށް އެފްއޭ ކަޕެއް ވެސް ކާމިޔާބުކޮށްދީފަ އެވެ. އަދި 2014/2015 ގައި ސީޒަނުގެ ޕީއެފްއޭގެ، މުޅި އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް އޭނާ ވަނީ ހޯދާފަ އެވެ.
ބެލްޖިއަމްގެ "ގޯލްޑެން ޖެނެރޭޝްން"ގެ މައި ތަނބަކީ ވެސް ހަޒާޑް އެވެ. ބެލްޖިއަމްގެ ގައުމީ ޓީމަށް ކުޅުނު 126 މެޗުގައި ހަޒާޑް ވަނީ 33 ލަނޑު ކާމިޔާބުކޮށްދީފަ އެވެ. އަދި 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި ވޯލްޑް ކަޕްގައި ބެލްޖިއަމަށް ތިންވަނަ ލިބުނުއިރު އެ ޓީމުގެ ކެޕްޓަނަކީ ވެސް ހަޒާޑް އެވެ.
ފްރާންސްގެ ލަލީގައި ވިދާލި ހަޒާޑް، އެ ލީގުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ޖެހިޖެހިގެން ދެފަހަރު ހޯދުމާއެކު 2013 ވަނަ އަހަރު 40 މިލިއަން ޔޫރޯއަށް ޗެލްސީއަށް ސޮއިކުރި އެވެ. އަދި އޭގެ ފަހުން ޗެލްސީގައި ރަސްކަންކުރުމަށްފަހު 2019 ވަނަ އަހަރު 100 މިލިއަން ޔޫރޯއަށް، އޭނާ ރެއާލް މެޑްރިޑަށް ބަދަލުވި އެވެ.
ހަޒާޑް ރެއާލްއަށް ކުޅުން ހުއްޓާލައި ފުޓްބޯޅަ ކެރިއަރު ނިންމާލީ 2023 ވަނަ އަހަރު އެވެ.
ނަން މަޝްހޫރު އެތައް ކުޅުންތެރިންނެއް ރާއްޖޭގައި ޗުއްޓީ ހޭދަކުރަން ކޮންމެ އަހަރަކުވެސް އާދެ އެވެ. އަދި އޭގެ އިތުރުން މަޝްހޫރު ގިނަ ފިލްމީ ތަރިންނާއި ލަވަކިޔުންތެރިންނަށް ވެސް ޗުއްޓީ ހޭދަކުރަން އެންމެ ކަމުދަނީ ރާއްޖެ އެވެ.