ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އޮޕެކް ފަންޑުގެ އިސްވެރިން ރައީސާ ބައްދަލު ކުރައްވައިފި

އޮޕެކް ފަންޑް ފޯ އިންޓާނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) ގެ ޑިރެކްޓަރު ޖެނެރަލް ޑރ. އަބްދުލް ހާމީދު އަލް ހަލީފާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާ ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އޮފިޑްގެ ޑިރެކްޓަރު ޖެނެރަލްގެ އިތުރުން އޮފިޑްގެ ވަފްދުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަށް ދިވެހިރާއްޖެއަށް މަރުހަބާ ވިދާޅުވެ، އޮފިޑްގެ ފަރާތުން ރާއްޖޭގެ ތަރައްގީގެ މަސައްކަތްތަކަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވާފައިވެއެވެ.

މީގެ އިތުރުން އޮފިޑުން ފަންޑުކޮށްގެން ރާއްޖޭގައި ކުރިޔަށްގެންދާ އުމްރާނީ ތަރައްގީގެ ބައެއް މަޝްރޫއު ތަކާބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ. އެގޮތުން ރަށްރަށުގެ ފެނާއި ނަރުދަމާ ނިޒާމްގެ އިތުރުން ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުތައް ކުރިޔަށް ގެންދިއުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި، ރާއްޖެ ތަރައްގީގެ މަގުގައި ކުރަމުންގެންދާ މަސައްކަތުގައި ގާތް އެކުވެރިއެއްގެ ގޮތުގައި އޮފިޑުން މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން އޮފިޑްގެ ޑިރެކްޓަރު ޖެނެރަލް ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައިވެއެވެ.