ދެކުނު ރަށެއްގައި ދެ އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް، އުމުރުން ދުވަސްވީ މީހަކު ޖިންސީ ގޯނާކުރި މައްސަލައާއި ގުޅިގެން އެކަމާ ދެކޮޅަށް ހިމޭން މުޒާހަރާއެއް ބާއްވަން ނިންމައިފި އެވެ.
އަވަސްއާއި ވާހަކަދައްކަމުން މި މުޒަހާރާ އިންތިޒާމް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ޒުވާނުން ބުނީ ރާއްޖޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާތަކާއި ކުރިމަތިލާން ޖެހޭ މިންވަރު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ ކަމަށާއި އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. އަދި މިފަހުން މިފަދަ ނުރައްކާތެރި ކަންކަމަށް ހުށައެޅިގެންދަނީ އުމުރުން ވަރަށް ކުޑަ ކުދިން ކަމަށާއި އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
ދެ އަހަރުގެ ކުޑަ އަންހެން ކުއްޖާއަށް ޖިންސީ ގޯނާކުރި މައްސަލައާ ގުޅިގެން ތަފާތު ވާހަކަތައް ފެންމަތިވަމުންދާއިރު އަދިވެސް އެ މައްސަލާގައި މީހަކު ހައްޔަރުކޮށްފައި ނުވުމަކީ ކަންބޮޑުވުމެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން ހިމޭން، ސުލްހަވެރި މުޒާހަރާއެއް ބެއްވުމުގެ ބޭނުމަކީ އެފަދަ މައްސަލަތަކުގައި ފިޔަވަޅު އެޅުން އަވަސް ކުރުމަށް ގޮވާލުން ކަމަށާއި ސަރުކާރުގެ ސަމާލު ކަމަށް މިފަދަ މައްސަލަތައް ގެނައުން ކަމަށް އޭނާ ވިދާޅުވި އެވެ.
ޖެންޑާ މިނިސްޓްރީ ކުރިމަތިން މިއަދު ހަވީރު ފެށުމަށް ހަމަޖެހިފައިވާ މުޒާހަރާގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް އެ ޒުވާނުން ވަނީ އެދިފައެވެ. އަދި މިއީ ވަރަށް މުހިންމު މަގްސަދެއްގައި ބޭއްވޭ މުޒާހަރާއަކަށްވާތީ ސިޔާސީ ވަކި ވިސްނުމެއް ނުގެންގުޅުމަށާއި، ހަމަހިމޭން ކަމާއެކު ސުލްހަވެރި ހަރަކާތެއްގެ ގޮތުގައި މުޒާހަރާ ކުރިއަށް ގެންގޮސްދިނުމަށް ވަނީ އެދިފައެވެ.
"އަޅުގަނޑުމެންގެ ބޭނުމަކީ އެ ތުއްތު ކުއްޖާއަށް އިންސާފު ހޯދާދިނުން. އަދި މިފަދަ މުޑުދާރު އަމަލުތައް ކުރާ ފަރާތްތައް މުޅި މުޖްތަމައުންވެސް އެކަހެރި ކުުރުން. އެ މީހުންނަށް ހައްގު އަދަބު ދިނުމަށް ގޮވާލުން. އެހެންވީމަ އެއްވެސް ބޭފުޅަކު އަޑުގަދަކޮށް، ހަމަނުޖެހުމަކަށް ފުުރުސަތު ނުދިނުމަަށް އެދެން," މުޒާހަރާ އިންތިޒާމު ކުރުމުގައި އިސްކޮށް އުޅޭ ޒުވާނުން އެދުނެވެ.
އުމުރުން ދެ އަހަރުގެ ތުއްތު ކުއްޖާއަށް ޖިންސީ ގޯނާކުރި މައްސަލާގައި ތަފާތު ވާހަކަތައް ދަނީ ފެތުރެމުންދާއިރު އެ ކުއްޖާއަށް އާއިލާގެ ގިނަ ބަޔަކު ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ބައެއް މީހުން ބުނެ އެވެ. އަދި އެ ކުއްޖާގެ ބައްޕަގެ ފަރާތުންނާއި ކާފައާއި މުނިކާފަގެ ފަރާތުން ވެސް އެފަދަ އަމަލުތައް ކުރިމަތިވެފައިވާ ކަމަށް ވަނީ އަޑުފެތުރިފަ އެވެ.
މި މައްސަލައާއި ގުޅިގެން ސިޔާސީ ބޭފުޅުންނާއި، ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން އަދި އާންމު ރައްޔިތުންވެސް ގެންދަނީ މައްސަލަ އަވަހަށް ބަލާ، އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކަށް ގޮވާލަމުންނެވެ.
ރާއްޖޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ދޭތެރެ ދޭތެރެއިން ފެންމަތިވެއެވެ. އެފަދަ ގިނަ މައްސަލަތަކަަށް އިންސާފު ގާއިމްކުރެވިފައި ނެތުމަކީ މުޖްތަމައުން އެ "ވަބާ" ފިލައިގެން ނުގޮސް އޮތް މައިގަނޑު ސަބަބު ކަމަށް ގިނަ މީހުން ދެކެއެވެ.