އީޔޫ

ޔޫރަޕަށް ދަތުރުކުރާ ދިވެހިންނަށް ލުއި ދިނުމަށް ހަންގޭރީން ތާއީދު

ދިވެހިންނަށް، ކުރިން ވިސާ ނެގުމަކާ ނުލައި ޔޫރަޕްގެ ގައުމުތަކަށް ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ތާއީދު ކުރައްވާކަމަށް ހަންގޭރީގެ ފޮރިން މިނިސްޓަރު ޕީޓާ ޒިޖާޓޯ ވިދާޅުވެއްޖެ އެވެ.

ހަންގޭރީގެ ފޮރިން މިނިސްޓަރު މިކަން ހާމަކުރެއްވީ ނިމިދިޔަ ހަފްތާގައި އިންޑިއާގެ ދިއްލީގައި އޮތް ރައިޒީނާ ޑައިލޮގްގެ ހަވާސާގައި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއާ ބައްދަލުކުރައްވައި، ދެއްކެވި ވާހަކަފުޅުގައެވެ.

ޝެންގެން ވިސާ އެޕްލިކޭޝަން ސެންޓަރެއް މިއަހަރުގެ މާޗް މަހު މާލޭގައި ހުޅުވުމަށް ހަމަޖެހިފައިވާއިރު، ޔޫރަޕަށް ދިވެހިންނަށް ދަތުރުކުރުމަށް ހުރި ގޮންޖެހުންތައް ހައްލުކުރުމަށް މިނިސްޓަރު ޝާހިދު ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ޔޫރަޕްގެ ގައުމުތަކާއިއެކު ޝެންގެން ވިސާގެ މަޝްވަރާތައް ބާއްވަމުންދާއިރު، ވިސާއާއި ނުލައި ދިވެހިންނަށް ޔޫރަޕަށް ދަތުރުކުރުމަށް ފުރުސަތު ހޯދުމަށް ކުރަމުންދާ މަސައްކަތަށް ޔޫރަޕްގެ ގައުމުތަކުން ވަނީ މިހާރު ތާއީދުކުރަން ފަށާފައެވެ.

ހަންގޭރީގެ ފޮރިން މިނިސްޓަރާއެކު ބޭއްވި މަޝްވަރާތަކުގައި ޔޫރަޕްގެ އިއްތިހާދުން ރާއްޖެއާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް ތައްޔާރުކުރި ފްރޭމްވާކްގެ މަސައްކަތް ހުއްޓާލުމާއި ގުޅިގެން އެކަމަށް މަރުހަބާ ވިދާޅުވިއެވެ. ރާއްޖެއާއި ދެކޮޅަށް ވިލާތުގެ އިއްތިހާދުން ފިޔަވަޅު އެޅުމަށް ނިންމީ 2018 ވަނަ އަހަރު، ރާއްޖޭގެ ހާލަތު ގޯސްވުމާއި ގުޅިގެންނެވެ. ދެވަޒީރުން ވަނީ މޫސުމީ ބަދަލުތަކާއި ބެހޭ ގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކުރައްވާފައެވެ.

ހަންގޭރީއާއި ރާއްޖެއާއި ދެމެދު ސިޔާސީ ގުޅުން ގާއިމްކުރެވުނުތާ މިއަހަރަށް 45 އަހަރުވާނެއެވެ.