ހަބަރު

ހަމަނުޖެހުން ހިނގާ، ފުލުހެއްގެ ބޯ ފަޅާލައިިފި

ޖިންސީ އަނިޔާ ލިބުނު ކުއްޖާގެ ބައްޕަ ފިލަން ވަތް ގެ ކައިރިއަށް އާންމުން އެއްވެ ހިނގި ހަމަނުޖެހުންތަކެއްގައި ފުލުހެއްގެ ބޯ ފަޅާލައިފި އެވެ.

ދެކުނު ރަށެއްގައި ދެ އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް، ދެ ފިރިހެނަކު ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައާއި ގުޅިގެން މިހާތަނަށް ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ އޭނާގެ ކާފައާއި މުނިކާފައެވެ. އެ ކުއްޖާއަށް އޭނާގެ ބައްޕަވެސް ޖިންސީ އަނިޔާ ކޮށްފައިވާ ކަމަށްވެއެވެ.

އެ މައްސަލަ ފެންމަތިވެފައިވަނިކޮށް ކުއްޖާގެ ބައްޕަ ވަނީ ފިލާފައެވެ. ނަމަވެސް މިއަދު ހަވީރުން ފެށިގެން ހުޅުމާލެ ޗައިނާ ފްލެޓް 108 ގައި އޭނާ ފިލައިގެން އުޅޭ ކަމަށް ބުނެ ގިނަ އަދަދެއްގެ އާންމުން ވަނީ އެ ސަރަހައްދަށް އެއްވެފައެވެ. އެ މީހުން ވަނީ އެ ފްލެޓްގެ ބައެއް ބިއްލޫރި ދޮރުތަކަށް ގައު އުކާ ހަލާކުވެސް ކޮށްލާފައެވެ.

އަދި އެކަކު އެއްލި ގައު ބުރިއަކުން ޖެހި ފުލުހަކަށް އަނިޔާވެފައިވާތީ އެމީހާ ވަނީ ހައްޔަރުކޮށްފައެވެ. ގިނަ އަދަދެއްގެ މީހުން އެ ސަރަހައްދަށް އެއްވެ އަޑުގަދަ ކުރަމުންދާއިރު، ފުލުހުންވެސް ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

އެ ސަރަހައްދުގައި ތިބި މީހުން ވަނީ ޖިންސީ އަނިޔާ ލިބުނު ކުއްޖާގެ ބައްޕައަށް ބޮޑެތި ތުހުމަތުތައްކޮށް، އޭނާއަށް އަނިޔާދޭނެ ކަމަށް ގޮވަމުންނެވެ.