ހަބަރު

ކުޑަކުއްޖާގެ ބައްޕަ އުޅޭ ފްލެޓްގައި ރޯކޮށްލަންވެސް އުޅުނު؟

ޖިންސީ އަނިޔާ ލިބުނު ކުއްޖާގެ ބައްޕަ ފިލަން ވަތް ފްލެޓްގައި ރޯކޮށްލަން މީހަކު މަސައްކަތް ކޮށްފި އެވެ.

ދެކުނު ރަށެއްގައި ދެ އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް، ދެ ފިރިހެނަކު ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ބަލަން ފެށުމާއެކު ކުއްޖާގެ ބައްޕަ ވަނީ ފިލާފައެވެ. ނަމަވެސް މިއަދު ހަވީރު ގިނަ އަދަދެއްގެ ބަޔަކު ވަނީ ހުޅުމާލެ ޗައިނާ ފްލެޓް 108 ގައި އޭނާ ފިލައިގެން އުޅޭ ކަމަށް ބުނެ އެ ސަރަހައްދަށް އެއްވެފައެވެ.

އެމީހުން ގެންދިޔައީ ކުޑަކުއްޖާގެ ބައްޕައަށް އިންޒާރުވެސް ދެމުންނެވެ. އަދި އެ ފްލެޓަށް ގައު އުކާ، ގިނަ ދޮރުތަކެއްގެ ބިއްލޫރިތައްވެސް ވަނީ ތަޅާލާފައެވެ. އެއްވި މީހުންގެ ތެރެއިން މީހަކު ވަނީ ފްލެޓްގައި ރޯކޮށްލަންވެސް މަސައްކަތް ކޮށްފައެވެ. އެގޮތުން ފްލެޓްގެ ބެލްކަނީގައި ހުރި އަންނައުތަކެއްގައި ރޯކޮށްލަން އޭނާ މަސައްކަތް ކޮށްފައިވެއެވެ. ނަމަވެސް އެކަން ކުރެވޭގޮތް ވަނީ ނުވެފައެވެ.

އޭރު އެ ސަރަހައްދަށް ގިނަ އަދަދެއްގެ ފުލުހުންވެސް ވަނީ އައިސްފައެވެ. ފުލުހުން ވަނީ އާންމުންގެ މީހުން ފަހަތަށް ޖައްސާފައެވެ. ނަަމަވެސް އެވަގުތު ވަނީ ހަމަނުޖެހުންތަކެއް ހިނގާފައެވެ.

އެތަނަށް އެއްވި މީހަކު އެއްލި ގައު ބުރިއަކުން ޖެހި ފުލުހަކަށް އަނިޔާވިއެވެ. ފަހުން ފުލުހުން ވަނީ އެމީހާ ހައްޔަރުކޮށްފައެވެ.

އެނގިފައިވާ ގޮތުގައި ކުއްޖާގެ ބައްޕަ މިހާރު ވަނީ އެ ފްލެޓުން ނެރެގެން ގެންގޮސްފައެވެ. ނަމަވެސް އެކަމާ ގުޅޭގޮތުން ފުލުހުން ވަކި އެއްޗެއް އަދި ނުބުނެއެވެ.

އެ ސަރަހައްދަށް އެއްވި ގިނަ މީހުންވެސް މިހާރު ވަނީ އެ ސަރަހައްދު ދޫކޮށްފައެވެ.