ޖިންސީ ގޯނާ

ރޭޕްގެ ތުހުމަތު ކުރެވޭ ދެ މީހުން މާލެ ގެންނަނީ

ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރުގެ ތުއްތު ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލާގައި ހައްޔަރު ކުރި އެ ކުއްޖާގެ ކާފަ އާއި މުނިކާފަ މާލެ ގެނައުމަށް ނިންމައިފި އެވެ.

ތުއްތު ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލައާއި ގުޅިގެން ފުރަތަމަ ހައްޔަރުުކުރީ އުމުރުން 62 އަހަރުގެ އިބްރާހިމް ދީދީއެވެ. އެއީ ޖިންސީ އަނިޔާ ލިބުނު ކުއްޖާގެ ކާފައެވެ. ދެން ހައްޔަރުކުރީ އުމުރުން 81 އަަހަރުގެ ހަސަން މޫސާ ދީދީއެވެ. އެއީ ކުޑަ އަންހެން ކުއްޖާގެ މުނިކާފައެވެ. އެ ދެމީހުންގެ ބަންދަށް 15 ދުވަސް ވަނީ ޖަހާފައެވެ.

އެ ދެ މީހުން މިވަގުތު ތިބީ ގދ. ކާޑެއްދޫގައި ހުންނަ ސިފައިންގެ މަރުކަޒުގައި ކަމަށް އެނގިފައިވެއެވެ. އަދި މާދަމާގެ ވަގުތެއްގައި އެ މީހުން މާލެ ގެނައުމަށް ވަނީ ހަަމަޖެހިފައެވެ.

މި މައްސަލައާއި ގުޅިގެން އެ ކުއްޖާގެ ބައްޕަ ވެސް މިރޭ ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާ ހައްޔަރު ކުރީ ހުޅުމާލޭ ފްލެޓެއްގައި ފިލާ އޮއްވާ އާންމު އެ ސަރަހައްދަށް ގޮސް އަޑުއުފުލަމުން ދަނިކޮށެވެ.