ދެކުނުގެ އަތޮޅެއްގެ ރަށެއްގައި އުމުރުން ދެ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލާގައި ހިމެނޭ އެ ކުއްޖާގެ މުނިކާފަގެ މައްސަލައެއްގައި ޝަރީއަތް ހިނގަމުންދާ ކަމަށާއި އޭނާ ދޫކޮށްލާފައި ބަހައްޓަން ނިންމީ އޭނާގެ އުމުރަށް ބަލާފައި ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
އެ ކުޑަކުއްޖާ އަށް ޖިންސީ ގޯނާ ކުރި މައްސަލައާ ގުޅިގެން ތިން މީހަކު އިއްޔެ ހައްޔަރު ކުރި އެވެ. އެއީ އެ ކުއްޖާގެ މުނިކާފަގެ އިތުރުން ކުއްޖާގެ ބައްޕަ އާއި ކާފަ އެވެ. އެ ގޮތުން ބައްޕައަށް އިހުމާލުވި ކަމުގެ ތުހުމަތު ކުރެވޭއިރު ކާފައާއި މުނިކާފައަށް ކުއްޖާއަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު ކުރެވެ އެވެ.
މި މައްސަލައިގެ މައުލޫމާތު ދިނުމަށް ފުލުހުންނާއި ޖެންޑާ މިނިސްޓްރީ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން އަމާޒު ކުރި ސުވާލުތަކަށް ޖަވާބު ދެމުން ފުލުހުން ބުނީ ކުއްޖާގެ މުނިކާފަގެ މައްސަލައެއް 2018 ވަނަ އަހަރު ހުށަހެޅިފައިވާ ކަމަށެވެ. އަދި ހަމަ އެ އަހަރު އެ މައްސަލާގައި އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލާގައި ދައުވާ ކުރަން ފޮނުވި ކަމަށް ފުލުހުން ބުންޏެވެ.
"އުމުރުން 82 އަހަރުގެ ފިރިހެން މީހާއާ މީގެ ކުރިން ވެސް ޖިންސީ ގޯނާއެއް ކުއްޖަކާ ދޭތެރޭގައި ކުރި ކަމުގެ ތުހުމަތު ކުރެވިގެން ފުލުހުން އެ މައްސަލާގައި ޕްރޮސެކިއުޓާ ޖެނެރަލްއިން ދައުވާ ކުރެވުނު، އަދި މިދިޔަ އަހަރުގެ ޖޫން ހިސާބުގައި ޝަރީއަތުގެ އެއް އަޑުއެހުން ވެސް ބޭއްވުނު،" ފުލުހުން ބުންޏެވެ.
ކުޑަކުއްޖާގެ މުނިކާފަގެ މައްސަލައެއް އޮތްއިރު އޭނާއަށް ފިޔަވަޅު އެޅުން ލަސްވުމާ ގުޅިގެން ނޫސްވެރިން އިތުރަށް ސުވާލުތައް އަމާޒު ކުރުން ފުލުހުން ބުނީ އެ މައްސަލާގައި ތުހުމަތު ކުރެވުނު އުމުރާ ގުޅިގެން ފުލުހުން އޭރި ނިންމީ އޭނާ ހައްޔަރުނުކޮށް ޝަރީއަތަށް ބޭނުންވާ ހެކި ހޯދުމަށާއި މައްސަލަ ނިމުމަށް މަސައްކަތް ކުރުމަށް ކަމަށެވެ.
"އެ މައްސަލާގައި ހިނގި ކަމަށް ހުށަހެޅުނު ކަމާއި ތުހުމަތު ކުރެވުނު މީހާގެ އުމުރާއި، ފުލުހުން އޭރު ނަގާފައިވާ ޑިޒިޝަންއެއް އެއީ، އެ މައްސަލާގައި އޭނާ ހައްޔަރު ނުކުރަން، އެހެންވިޔަސް ކޯޓަށް މައްސަލަ ފޮނުވައިގެން ކުރިއަށް ދިޔައީ،" ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލާގައި ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން ފުލުހުންގެ ރެކޯޑުގައި އޮތީ ވެސް އެ ކުއްޖާގެ މުނިކާފަގެ މައްޗަށް ތުހުމަތުކޮށް ފުލުހަށް ހުށަހެޅިފައިވާ އެ މައްސަލަ އެކަނި ކަމަށެވެ. ދެން އެ މައްސަލާގައި ހިމެނޭ ދެ މީހުންގެ ތެރެއިން އެކަކުގެ ވެސް ޖިންސީ ގޯނާ ކުރުމުގެ ރެކޯޑެއް ނެތް ކަމަށް ފުލުހުން ބުންޏެވެ.
މިފަދަ މައްސަލަތަކުގައި ފިޔަވަޅުން ލަސްވަނީ ކީއްވެގެންތޯ ނޫސްވެރިން ސުވާލު ކުރުމުން ފުލުހުންނާއި ޖެންޑާ މިނިސްޓްރީން ވެސް ފުރަތަމަ ފާހަގަކުރީ ކުރިން އަމަލު ކުރަމުން ދިޔަ ގާނޫނުތަކުގެ ސަބަބުން ޝަރީއަތުގައި މައްސަލަތައް ސާބިތު ކުރުމުގައި ދަތިތަކެއް ހުރި ކަމަށެވެ.
ނަމަވެސް އެންމެ ފަހުން ތަސްދީގު ކުރި ކުޑަކުދިންގެ ގާނޫނުތަކާއެކު ކުށް ސާބިތު ކުރަން ލުއިތަކެއް އައިސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. މި މައްސަލައާ ގުޅިގެން ވެސް ހައްޔަރުކޮށްގެން ތަހުގީގެއް ހިންގާ ވަރަށް ހެކި ލިބި، އެ މީހުން 15 ދުވަހު ބަންދުގައި ބަހައްޓާ ވަރަށް ފުލުހުންނަށް ހެކި ހޯދިފައިވާ ކަމަށެވެ. އަދި ކޯޓުން ދިން މުއްދަތުގެ ތެރޭގައި ކުށް ސާބިތުވާ ވަރަށް ހެކި ހޯދޭނެ ކަމަށް ގަބޫލު ކުރާ ކަމަށް ފުލުހުން ބުންޏެވެ.