ވެރިރަށް ކުއާލަ ލަމްޕޫރު ގެ މަގުތަކުގައި އޮތް މި މުޒާހަރާ އިންތިޒާމު ކުރި ބާސިހް އިން ބުނިގޮތުގައި ދެލައްކައެއްހާ މީހުން މި މުޒާހަރާގައި ބައިވެރިވިއެވެ. މިނިވަން ފަރާތް ތަކުން ލައްކައެއްހާ މީހުން އެއްވި ކަމަށް ބުނާއިރު މެލޭޝިޔާގެ ފުލުހުން ބުނީ ބައިވެރިވީ ފަންސަވީސް ހާހެއްހާ މީހުން ކަމަށެވެ.
މި މުޒާހަރާއާ ދިމާކޮށް ފުލުހުން ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮއްފައެވެ. އަދި ސަރުކާރުން ވަނީ މިއީ ޢައިރު ޤާނޫނީ ހަރަކާތެއް ކަމަށް އިއުލާނުކޮށް މުޒާހަރާ އިންތިޒާމު ކުރި ބާސިހް ހަރަކާތުގެ ވެބްސައިޓް ބަންދުކޮށް، އެމީހުންގެ ލޯގޯ ބޭނުންކުރުން މަނާކޮށް އެ ހަރަކާތުން އާންމުކޮށް ބޭނުންކުރާ ރީންދޫ ހެދުން އަޅައިގެން އުޅުން ވެސް މަނާކޮއްފައެވެ.
މުޒާހަރާގެ ބައިވެރިންނަށް އިތުރު ހިއްވަރެއް ލިބުނީ ކުރީގެ ބޮޑުވަޒީރު މަހާތީރު މުހައްމަދު މި މުޒާހަރާއަށް ވަޑައިގަތުމުންނެވެ. މަހާތީރު ވަޑައިގަތުމުން އެއްވެފައި ތިބި މީހުން ހޫނު މަރުހަބާއެއް ކީއިރު، އޭނާ ވަނީ މުޒާހަރާ ކުރިއަށް ގެންދިއުމަށް ގޮވާލާ ހިއްވަރުދީފައެވެ.
އިއްޔެ އިރު އޮއްސުނުއިރު މުޒާހަރާގެ ބައެއް ބައިވެރިން ވަނީ މަގުމަތީގައި ޓެންޓު ޖަހާފައެވެ. މިރޭ ދަންވަރާ ހަމައަށް މުޒާހަރާ ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައިވާއިރު މާދަމާއަކީ މެލޭޝިޔާގެ ގައުމީ ދުވަހެވެ.
ބޮޑުވަޒީރު ނަޖީބާ ދެކޮޅު ހަރަކާތްތައް އިތުރުވެފައި މިވަނީ މިދިޔަ މަހު ލީކުވި ލިޔުންތަކަކުން ނަޖީބުގެ ބެންކު އެކައުންޓަކަށް ސަރުކާރުގެ ހަތް ސަތޭކަ މިލިއަން ޔޫ އެސް ޑޮލަރު ނަހަމައިން ޖަމާކޮއްފައިވާކަމަށް ދެއްކުމާއި ގުޅިގެންނެވެ. މިކަމާ ގުޅިގެން ބޮޑުވަޒީރު ވިދާޅުވެފައި ވަނީ މިއީ މެދު އިރުމަތިން އެހީގެ ގޮތުގައި ލިބުނު ފައިސާތަކެއް ކަމަށާއި މުޒާހަރާ ކުރާ ފަރާތްތަކުން އުޅެނީ ބޭރުދުނިޔޭގެ ކުރިމަތީގައި މެލޭޝިޔާގެ ރީތި ނަން ކިލަނބު ކޮއްލަން ކަމަށެވެ. އަދި މި މައްސަލައިގައި އޭނާގެ ކެބިނެޓް މެންބަރުންތަކަކާއި މިކަން ތަހުގީގު ކުރަމުންދިޔަ އެޓާނީ ޖެނެރަލް ވަނީ މަގާމުން ވަކިކޮއްފައެވެ.
މުޒާހަރާ އިންތިޒާމުކުރި ބާސިހް އަކީ ކޮރަޕްޝަނުން ގައުމު ސާފުކޮށް، އިންސާފުވެރި އިންތިހާބުތަކަށް ގޮވާލާ ހަރަކާތެކެވެ. މެލޭޝިޔާ ބަހުން ބާސިހް ގެ މާނައަކީ ސާފުކޮއްލުމެވެ. މި ހަރަކާތުން މީގެ ކުރިން 2011 އަދި 2012 ގައި ބޭއްވި އެއްވުންތައް ފުލުހުން ރޫޅާލީ ކަރުނަ ގޭހާއި ވޯޓަރ ކެނަން ބޭނުން ކޮއްގެންނެވެ.