ދުނިޔެ

"އަހަރެމެންގެ އަސްކަރިއްޔާ ބަލިކައްޓެއް ނުވޭ"

Aug 30, 2015

އީރާނުގެ ގައުމީ ޓީވީން ވަގުތުން ގެނެސްދިން ނޫސްވެރިންގެ ބައްދަލުވުމެއްގައި ރޫހާނީ ވިދާޅުވީ އެގައުމުގެ ދިފާއީ ގާބިލުކަން ނިކަމެތި ވާނެ ފަދަ އެއްވެސް ކަމަކަށް އެގައުމުން އެއްބަސް ނުވާ ކަމަށާއި ގައުމު ދިފާއު ކުރުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނެ ކަމަށެވެ.

އަދި އެއީ މިސައިލުގެ ބޭނުން ކޮށްގެން ކަމަށް ވިއަސް ނުވަތަ އެހެން ގޮތްގޮތުން ކަމަށްވިއަސް ފަރުވާލެއް ނެތް ކަމަށް ވެސް ރޫހާނީ ވިދާޅުވިއެވެ. މިގޮތުން މިދިޔަ ހަފްތާގައި ވެސް އީރާނުން ވަނީ 500 ކިލޯ މީޓަރުގެ ދުރު ރާސްތާ އާ މިސައިލެއް ދައްކާލާފަ އެވެ. މިއީ އީރާނުގެ ސަރަހައްދީ ވާދަވެރިން ކަންބޮޑުވާނެ ކަމެކެވެ.

ހުޅަނގުގެ ގައުމުތަކަކީ އީރާނުގެ ރައްކާތެރިކަމަށް ހުރި ބިރެއް ކަމަށް އެގައުމުގެ ހަރުކަށި ފަރާތްތަކުން ދެކެއެވެ. އަދި އަދި ހުޅަނގާއެކު ވެފައިވާ އެއްބަސްވުމާއި ގުޅިގެން އެފަރާތްތަކުން ދަނީ ރައީސް ރޫހާނީއަށް ފާޑުކިޔަމުންނެވެ.

ޖުލައި ސާދައިގެ އެއްބަސް ވުމުގެ ދަށުން އީރާނުން އެގައުމުގެ ނިއުކްލިއާ ހަރަކާތްތައް ވަކި މިންގަނޑެއްގައި ހިފަހައްޓަން ޖެހެއެވެ. މިއީ އެގައުމުން އެޓޮމިކް ބޮން ތައްޔާރުކުރުމުގެ ގާބިލުކަން ހޯދިޔަ ނުދިނުމަށް ކަނޑައަޅާފައިވާ މިންގަނޑެކެވެ. ބަދަލެއްގެ ގޮތުން އިރާނާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ގިނަ ފިޔަވަޅުތައް ބާތިލުކުރެވޭނެއެވެ.

 އީރާނުގެ ނިއުކްލިއާ ޕްރޮގްރާމަކީ ސުލްހަވެރި ޕްރޮގްރާމެއް ކަމަށާއި، މި ޕްރޮގްރާމުގެ ބޭނުމަކީ އާންމު ބޭނުންތަކަށް ހަކަތަ އުފެއްދުން ކަމަށް އެގައުމުން އަބަދުވެސް ބުނެއެވެ.