ދުނިޔެ

ތުރުކީން އައިއެސްއާ ދެކޮޅަށް ވައިގެ ހަމަލާ ފަށައިފި

Aug 30, 2015

މިއީ އައި އެސް އާއި ދެކޮޅަށް ތުރުކީއާއި އެމެރިކާ ގުޅިގެން އުފައްދާފައިވާ ކޯލިޝަންގެ ދަށުން ޖެޓުތައް ބޭނުންކޮށްގެން ދޭން ފެށި ހަމަލާތަކެކެވެ. އެމެރިކާއިން ވަނީ މިމަހު ކުރީކޮޅު ތުރުކީގެ އެހީއާއެކު އައި އެސް އަށް ޑްރޯން ހަމަލާތަކެއް ވެސް ދީފަ އެވެ.  

"އިސްލާމިކް ސްޓޭޓާއި ދެކޮޅަށް ހަނގުރާމަ ކުރުމަކީ ތުރުކީން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް" މި ހަމަލާތައް ފެށުމުގެ ގޮތުން ތުރުކީގެ ފޮރިން މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.

އައި އެސް އާއި ދެކޮޅަށް ކުރާ ހަނގުރާމައިގައި ތުރުކީގެ ބައިވެރިވުން އިތުރުކޮއްފައި މިވަނީ މިދިޔަ މަހު ތުރުކީގެ ޓައުނެއް ކަމައްވާ ސުރުޗް ގައި ދިން ބޮމުގެ ހަމަލާއެއްގައި 32 މީހުން މަރުވި ހާދިސާއާއި އެކުއެވެ. މިއީ އައި އެސް ގެ ހަމަލާއެއް ކަމަށް ތުރުކީން ބުނެއެވެ.

ތުރުކީން ވައިގެ ހަމަލާތަށް ފަށާފައި މިވަނީ އައި އެސް އިން އެގައުމުގެ ބޯޑަރާ ކައިރިން ސީރިޔާގެ ފަސް އަވަށެއް އެމީހުންގެ ބާރުގެ ދަށަށް ގެނެސް، ތުރުކީ ބޯޑަރާ 12 ވަރަކަށް މޭލު ކައިރިއަށް ޖެހިފައި ވަނިކޮށެވެ.

އައި އެސް އިން މިހާރުވެސް ތުރުކީ ބޯޑަރު ހުރަސްކޮށް ހަނގުރާމަ ވެރިންނާއި ސާމާނު އެތެރެކުރަމުން ދެއެވެ. އެހެން ކަމުން އެ ޖަމާއަތް ތުރުކީގެ ބޯޑަރު ކައިރިން ފައްސާލުމަކީ އެގައުމުގެ ސަލާމަތަށާއި އައި އެސް ގެ ބާރު އެ ސަރަހައްދުގައި ކުޑަކުރުމަށް ތުރުކީއަށް މުހިންމު ކަމެކެވެ.