ހަބަރު

ވުހާން ވައިރަސް އާ ގުޅިގެން ރާއްޖޭންވެސް ތައްޔާރުވާން ފަށައިފި

ޗައިނާ އިން ދާދި ފަހުން ފެނުނު އާ ވައިރަސް، ވުހާން ވައިރަސް ރާއްޖޭގައިވެސް ފެތުރިދާނެ ކަމަށް ތައްޔާރުވަމުން އަންނަ ކަމަށް އެޗްޕީއޭ އިން މިއަދު ބުނެފި އެވެ.

ނުރައްކާތެރި "ސާސް" ވައިރަސް އާ އެއްގޮތް ސިފަތަކެއް ހުންނަ ވުހާން ސިޓީން ފެނުނު ވައިރަސް ޖެހުނު މީހުންގެ ރަސްމީ އަދަދު މިހާރު 200 އަށް އަރާފައިވާއިރު، ނޭވާލާ ނިޒާމަށް ލިބުނު ގެއްލުންތަކުގެ ސަބަބުން ތިން މީހަކު މިހާތަނަށް ވަނީ މަރުވެފަ އެވެ.

މި ވައިރަސް ވެރި ރަށް ބެއިޖިންގެ އިތުރުން ޝެންޒެން އިން ފެނިފައިވާ ކަމަށްވެސް ޗައިނާ ސަރުކާރުން ވަނީ ބުނެފަ އެވެ. އަދި ފާއިތުވި ދެ ދުވަހުގެ ތެރޭގައި 139 މީހެއްގެ ގައިން އެ ވައިރަސް ފެނިފައިވާ ކަމަށް ބުނެ އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، ޗައިނާގައި ފެތުރެމުންދާ ވައިރަސް ރާއްޖޭގައި ފެތުރިދާނެ ކަމަށް، އެއާޕޯޓާއި ކަމާ ގުޅުންހުރި އިދާރާތަކާއެކު ބައްދަލުކޮށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށެވެ. އަދި ސިއްހީ އިދާރާތަކާއެކު މިކަމާ ގުޅުންހުރި މަޝްވަރާތައް މިހާރު ދަނީ ކުރަމުން ކަމަށް ވިދާޅުވި އެވެ.

އެހެންނަމަވެސް، އެއީ އާ ވައިރަސް އެއް ކަމުން ރާއްޖެ އަންނަ ފަތުރުވެރިން ސްކްރީން ކުރެވޭނެ ގޮތެއް އަދި ހަމަޖެހިފައި ނެތް ކަން ޑރ. އަފްޒަލް ފާހަގަކުރެއްވި އެވެ.

މި ވައިރަސް އާ ގުޅިގެން ވުހާން އިން އަންނަ ޕަސިންޖަރުން ސްކްރީން ކުރަން ސިންގަޕޫރާއި ހޮން ކޮންގެ އެއާޕޯޓްތަކުގައި ވަނީ ފަށައިފަ އެވެ. އެމެރިކާގެ ސެން ފްރެންސިސްކޯ، ލޮސް އެންޖަލިސް އަދި ނިއު ޔޯކުގެ އެއާޕޯޓްތަކުގައި ވެސް ވަނީ އިއްޔެ އިން ފެށިގެން ސްކްރީން ކުރަން ވަނީ ފަށައިފަ އެވެ.

ޗައިނާ އަކީ ރާއްޖެ އަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމެވެ. މިފަހަކަށް އައިސް ކޮންމެ އަހަރަކުވެސް ރާއްޖެ އަންނަ ފަތުރުވެރިންގެ އެންމެ ބޮޑު ހިއްސާއެއް އަދާކުރަނީ އެ ގައުމުންނެވެ. 2019 ވަނަ އަހަރު ޗައިނާއިން ވަނީ 16.7 އިންސައްތަ ހިއްސާކޮށްފަ އެވެ.