ޗައިނާ އިން ދާދި ފަހުން ފެނުނު ކޮރޯނާ ވައިރަސް އަށް ސްކްރީން ކުރަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފަށައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ޗައިނާ އިން ފެނުނު ކޮރޯނާ ވައިިރަސް އަށް ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެ މިނިސްޓްރީ އާއި ގުޅުން ހުރި އިދާރާތަކާއެކު އަޅަމުން އަންނަ ކަމަށެވެ. އަދި، އާއްމުންނާއި ރާއްޖެ އަންނަ ފަތުރުވެރިންގެ ސަލާމަތަށް ރައްކާތެރިވުމުގެ ގޮތުން އެއާޕޯޓުގައި ސްކްރީން ކުރުމުގެ މަސައްކަތް އެޗްޕީއޭ އިން ފަށާފައިވާ ކަމަށްވެސް ބަޔާނުގައިވެ އެވެ.
ރާއްޖެ އަންނަ ދަތުރުވެރިން ސްކްރީން ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު ކޮރޯނާ ވައިރަސްގެ އެއްވެސް ކޭސް އެއް މިހާތަނަށް ފެނިފައި ނުވާ ކަމަށް މިނިސްޓްރީގެ އެ ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.
ގައިން ގަޔަށް އަރާ މި ވައިރަސް ޖެހުނު މީހުންގެ އަދަދު މިހާރު 440 އަށް އަރާފައިވާކަމަށް ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފަ އެވެ.
އެ ވައިރަސް ޖެހިފައިވާ މީހުން، އެމެރިކާ، ޓައިވާން، ތައިލަންޑް، ޖަޕާނު އަދި ދެކުނު ކޮރެއާ އިން މިހާރު ފެނިވައިފާއިރު، ބައިނަލްއަގުވާމީ ހެލްތު އެމަޖަންސީއެއްގެ އިއުލާނުކުރުމާމެދު ގޮތެއް ނިންމުމަށް ދުނިޔޭގެ ސިއްހަތާބެހޭ ޖަމިއްޔާ ޑަބްލިޔުއެޗްއޯގެ ކުއްލި ބައްދަލުވުމެއްވެސް މިއަދު ވަނީ ތާވަލުކޮށްފަ އެވެ.
ރާއްޖެ އަށް ދުވާލަކު އެތައް ސަތޭކަ ފަތުރުވެރިން އަންނަ އިރު ޗައިނާ އަކީ އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމެވެ. މިފަހަކަށް އައިސް ކޮންމެ އަހަރަކުވެސް ރާއްޖެ އަންނަ ފަތުރުވެރިންގެ އެންމެ ބޮޑު ހިއްސާއެއް އަދާކުރަނީ އެ ގައުމުންނެވެ. 2019 ވަނަ އަހަރު ޗައިނާއިން ވަނީ 16.7 އިންސައްތަ ހިއްސާކޮށްފަ އެވެ.