ކުޅިވަރު

ހަތްމަހު މުސާރަ ނުލިބި ކުރި މަސައްކަތަށް ތައުރީފު

ހަތް މަހުގެ މުސާރަ ނުލިބި، ށ. ފޯކައިދޫ ފުޓްބޯޅަ ކުލަބުގެ ކުޅުންތެރިން ކުރި މަސައްކަތުން ގަދަ ހަޔަކަށް ވަދެވުމަކީ ކުޅުންތެރިން ހޯދި ކާމިޔާބެއް ކަމަށް އެ ޓީމުގެ ކޯޗް އަލީ ނިޝްތާރު މުހައްމަދު ބުނެފި އެވެ.

ކުލަބު އީގަލްސް އާ ދެކޮޅަށް އިއްޔެ 7-0 ން ބަލިވި މެޗަށް ފަހު ވާހަކަ ދައްކަމުން ނިޝްތާރު ބުނީ، އިއްޔެގެ މެޗުން ތަފާތު ބޮޑުކޮށް ބަލިވި ނަމަވެސް ކުޅުންތެރިން ލީގްގެ ތިން ވަނަ ބުރާ ހަމައަށް އައީ "އިމްޕޮސިބަލް" ކަމެއް ކޮށްގެން ކަމަށެވެ. ކުޅުންތެރިން އެކަން ހާސިލު ކުރުމުން އެކަން ފާހަގަ ކުރަން ޖެހޭ ކަމަށް ޒުވާން ކޯޗް ބުންޏެވެ.

ލީގްގެ ތިން ވަނަ ބުރު ކުރިއަށް ގެންދަން އެފްއޭއެމުން ނިންމީ ގަދަ ހަ ޓީމާއެކު އެވެ. ފުރަތަމަ ޑިވިޝަންގެ މަޝްހޫރު ފަސް ކުލަބުގެ ފަހަތުން ފޯކައިދޫ ވެސް ތިން ވަނަ ބުރުގެ ޖާގަ ކަށަވަރު ކުރި އެވެ.

"މުޅި ސީޒަނަށް ބަލައިފިއްޔާ މި ކުދިން އެޗީވް ކޮށްފައި މިއިނީ އިމްޕޮސިބަލް އެއްޗެއް،" ނިޝާތާރު ވާހަކަ ދެއްކި އެވެ. "ހަތެއް، އަށެއްކަ މަހު މުސާރަޔަކާ ނުލައި ކުޅެގެން ޓޮޕް ސިކްސްއަށް އެރީމަ ދެން ކުޅުންތެރިންނާ ދިމާލަށް ބުނެވޭނެ އެއްޗެއް ނެތް."

ތިން ވަނަ ބުރުގައި ފޯކައިދޫ ކުޅުނު ދެ މެޗުންވެސް ބަލިވީ ތަފާތު ބޮޑުކޮށެވެ. އޭނާ ބުނީ ކުރިއަށް ހުރި މެޗުތަކުގައި ކުޅުން ރަނގަޅު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އޭގެ ހެއްކަކަށް ދެއްކީ އިއްޔަ ހަތް ލަނޑު ބައިކޮޅަށް ވަން އިރުވެސް މެޗުގެ ފަހު ކޮޅުގައި ފޯކައިދޫއިން ކުޅުނު އެޓޭކިން ގޭމެވެ.

އޭނާ ބުނީ، ސީޒަން ފެށީ ގަދަ ހައެއްގެ އަމާޒުގައި ކަމަށެވެ. މުސާރަ ނުލިބި ކުޅެން ޖެހުނުއިރުވެސް ކުޅުންތެރިން އެ ޓާގެޓް ހާސިލު ކުރުމުން ކުޅުންތެރިންގެ މަސްއޫލިއްޔަތު ފުރިހަމަ ކޮށްފައިވާ ކަމަށް ނިޝްތާރު ބުންޏެވެ. އޭނާ ބުނީ ޓީމަކަށް އެއްވަރެއްގައި ކާމިޔާބު ދެމެހެއްޓޭނީ ވަރަށް ގިނަ ކަންކަން ފުރިހަމަ ވެގެން ކަމަށެވެ. އޭގެ ތެރޭގައި އެންމެ މުހިންމު ކަމަކަށް ކުޅުންތެރިންނަށް ލިބެންޖެހޭ މުސާރަ ގަވާއިދުން ލިބޭނެ އުސޫލެއް އޮތުން އޭނާ ފާހަގަ ކުރެ އެވެ.

ލީގްގެ ވަރަށް ކުރީކޮޅުން ފެށިގެން ފޯކައިދޫ ޓީމަށް ވަނީ ފައިސާގެ މައްސަލަ ކުރިމަތި ވެފަ އެވެ. އެފްއޭއެމުން ދޭން ޖެހޭ ފައިސާ އެހެން ކުލަބުތަކަށް ދީފައިވާ އުސޫލުން ފޯކައިދޫއަށް ނުލިބޭކަން އެ ކުލަބުން މީގެ ކުރިންވެސް ބުނެފައި ވެއެވެ. ކުރިން ނިޝްތާރު ބުނެފައި ވަނީ، އެހެން ޓީމުތަކަށް ލިބޭ ފުރުސަތު ފޯކައިދުއަށްވެސް ހަމަހަމައަށް ލިބޭނަމަ ފޯކައިދޫގެ ހާލަތު މާބޮޑަށްވެސް ރަނގަޅު ވާނެ ކަމަށެވެ.

އެފްއޭއެމުން ލިބެންޖެހޭ ފައިސާ ބަރާބަރަށް ލިބިފައިވޭތޯ މީގެކުރިން އަވަސް އިން ސުވާލު ކުރުމުން ނިޝްތާރު ބުނީ، އެ ވާހަކަ ދައްކާނީ ޓީމުގެ ސީނިއާ މެނޭޖުމެންޓުން ކަމަށެވެ.