ލޯކަލް ކައުންސިލްތަކުގެ އިންތިހާބު

ވޯޓު ބާތިލް ވާނީ އަދަދަށްވުރެ އިތުރަށް ފާހަގަ ޖެހުމުން: އީސީ

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވޯޓު ބާތިލު ވާނީ އިންތިހާބު ކުރާ ކައުންސިލް މެންބަރުންގެ އަދަދަށްވުރެ އިތުރަށް ފާހަގަ ޖެހުމުން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.

ކައުންސިލް އިންތިހާބަށް އެކުލަވާލި ގައުމީ ލަފާ ދޭ ކޮމިޓީގައި އީސީގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ، މުޅި ވޯޓު ކަރުދާސް ބާތިލް ވާނެ ކަމަށް ގާނޫނުގައި ބަޔާން ކޮށްފައި ވަނީ ދެ ހާލަތެއްގައި ކަމަށެވެ. އެއް ހާލަތަކީ ޖަހަން ޖެހޭ ފާހަގަ ނޫން ނިޝާނެއް ކުރެހުން ކަމަށާއި އަނެއް ހާލަތަކީ ޖަހަން ޖެހޭ އަދަދަށްވުރެ އިތުރަށް ފާހަގަ ޖެހުމާއި އިތުރަށް ކަރުދާހުގައި ކުރެހުން ކަމަށެވެ.

އަންނަ ކައުންސިލް އިންތިހާބުގައި ސިޓީ ކައުންސިލްތަކަށް ވޯޓު ދޭ މީހުން ތިން ވޯޓެއް ދޭން ޖެހެ އެވެ. އެއީ ކައުންސިލްގެ މޭޔަރު އިންތިހާބު ކުރާ ވޯޓާއި، ކައުންސިލްގެ ދާއިރާ މެންބަރު އިންތިހާބު ކުރާ ވޯޓާއި، އަންހެނުންގެ ކޮމިޓީގެ މެންބަރުން އިންތިހާބު ކުރާ ވޯޓެވެ. އަދި އަތޮޅެއްގައި ވަކި ސިޓީއެއްވާނަމަ އަތޮޅު ކައުންސިލްގެ ރައީސްއަށް ދޭން ޖެހޭ ވޯޓެވެ.

ރަށްރަށުގެ ކައުންސިލްތަކަށް ވޯޓު ދޭން ޖެހޭ މީހުން ފަސް ވޯޓެއް ދޭން ޖެހެ އެވެ. އެއީ އަތޮޅު ކައުންސިލްގެ ރައީސް އިންތިހާބު ކުރާ ވޯޓާއި، ރަށު ކައުންސިލްގެ ރައީސްގެ ވޯޓާއި، ކައުންސިލްގެ މެންބަރުންގެ ވޯޓާއި، ކައުންސިލްގެ އަންހެން މެންބަރުންގެ ވޯޓާއި، އަންހެނުންގެ ކޮމިޓީގެ މެންބަރުންގެ ވޯޓެވެ.

އެހެންކަމުން ސިޓީ ކައުންސިލަކަށް ވޯޓު ދޭން ޖެހޭ މީހުން ކޮންމެ ވޯޓެއްގައި ވެސް އިންތިހާބު ކުރަނީ އެންމެ މީހެކެވެ. އެހެންކަމުން ފާހަގަ ދޭން ޖެހޭނީ އެއިން ކޮންމެ ވޯޓެއްގައި އެ މީހަކު އިހްތިޔާރު ކުރާ ކެންޑިޑޭޓަކާ ދިމާއަށެވެ. އިތުރަށް ފާހަގައެއް ޖަހައިފިނަމަ އެ ވޯޓެއް ބާތިލް ވާނެ އެވެ.

ރަށު ކައުންސިލްތަކަށް ވޯޓު ދޭން ޖެހޭ މީހުން އަތޮޅު ކައުންސިލްގެ ރައީސް އަށާއި ރަށު ކައުންސިލްގެ ރައީސްއަށް ވޯޓު ދިނުމުގައި ވެސް އަމަލު ކުރަން ޖެހޭނީ އެ އުސޫލުންނެވެ. އެއިން ކޮންމެ ވޯޓަކަށް އެއް ފާހަގައަށްވުރެ އިތުރަށް ފާހަގަ ޖަހައިފިނަމަ އެ ވޯޓެއް ބާތިލް ވާނެ އެވެ.

ރަށު ކައުންސިލަށް ހަތަރު މެންބަރުން ނުވަތަ ހަ މެންބަރުން އިންތިހާބު ކުރާއިރު، އެ އަދަދަށްވުރެ މަދުން ފާހަގަ ޖެހިޔަސް އެ ވޯޓެއް ބާތިލް ނުވާނެ އެވެ. އެކަމަކު އެއަށްވުރެ އިތުރަށް ޖަހައިފިނަމަ ވޯޓު ބާތިލް ވާނެ ކަމަށް އީސީން ބުންޏެވެ. އަދި އެއް ވޯޓެއް ބާތިލް ވެފައި އަނެއް ވޯޓު ރަނގަޅަށް އޮތްނަމަ ރަނގަޅަށް ލާފައިވާ ވޯޓު ގުނާނެ ކަމަށް ވެސް އީސީން ބުންޏެވެ.

"ސިޓީއެއްގައިނަމަ މީހަކު ދެ ވޯޓެއް މި ލަނީ، މޭޔަރަށް ދޭ ވޯޓާއި ދާއިރާ މެންބަރުގެ ވޯޓު، މޭޔަރުގެ ވޯޓުގައި ޖަހަން ޖެހޭނީ އެއް ފާހަގަ، މެންބަރުގެ ވޯޓުގައި އެއް ފާހަގަ، އެއަށްވުރެ އިތުރަށް ފާހަގަ ޖަހައިފިނަމަ ބާތިލްވާނެ، އެ ގޮތަށް ރަށު ކައުންސިލް މެންބަރު ވެސް، ފަސް ފާހަގައަށްވުރެ އިތުރުނަަމަ ބާތިލްވާނެ، އެކަމަކު އެންމެ ފާހަގައެއް ވިޔަސް އެ ވޯޓު ގުނާނެ،" ޝަރީފް ވިދާޅުވި އެވެ.

ކައުންސިލް އިންތިހާބުގައި ވޯޓު ބާތިލް ވާނެ ގޮތާއި ވޯޓު ސައްހަ ވާނެ ގޮތްތަކަށް އާންމުން ހޭލުންތެރި ކުރުމުގެ ގޮތުން ކޮންމެ ގޭބިސީއެއަކަށް އޭގެ މައުލޫމާތުގެ ލިޔުމެއް ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށާއި ރަށްރަށުގައި ތިބޭ އީސީގެ ފޯކަލް ޕޮއިންޓުން މެދުވެރިކޮށް އެ ކަންކަން ކުރަމުންދާނެ ކަމަށް ވެސް ޝަރީފު ވިދާޅުވި އެވެ.

އަންނަ އަހަރުގެ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިހާބުގައި 983 ކައުންސިލަރުން އިންތިހާބު ކުރެ އެވެ. އޭގެ ތެރެއިން 370 ގޮނޑިއަށް އިންތިހާބު ކުރާނީ އަންހެނުންނެވެ. ހަމަ އެ ދުވަހު ކައުންސިލްތަކުގެ އަންހެނުންގެ ކޮމިޓީގެ އިންތިހާބު ބާއްވާއިރު، އެ ކޮމިޓީތަކަށް 923 މެންބަރުން އިންތިހާބު ކުރެ އެވެ.