ލޯކަލް ކައުންސިލް އިންތިހާބުގައި ބެހެއްޓި ވޯޓް ފޮށިތަކުގެ ތެރެއިން އިތުުރު 11 ވޯޓް ފޮށްޓެއް އަލުން ގުނުމަށް ނިންމައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް އާދަމް ވިދާޅުވީ ގުނަން ހަމަޖެހިފައިވަނީ ތ. މަޑިފުއްޓާއި ދ. މީދޫ އާއި ވިލަމަންދޫ ރިސޯޓްގައި ބެހެއްޓި ވޯޓްފޮށްޓާއި ލ. ކަޅައިދޫ އާއި ގއ. އަތޮޅު މާލެ ހަ ނަންބަރު ވޯޓް ފޮށީގެ އިތުރުން ދ. ރިނބުދޫގެ ވޯޓްފޮށްޓަކާއި ޅ. އޮޅުވެލިފުށީގައި ބެހެއްޓި ވޯޓްފޮށްޓާއި މ. ރަތްމަންދޫގައި ބެހެއްޓި ވޯޓްފޮށްޓަކާއި ތ. ދިޔަމިގިލި އަދި ގއ. ދެއްވަދޫގައި ބެހެއްޓި ވޯޓް ފޮށްޓެވެ.
މަޑިފުށި ވޯޓު ފޮށި ގުނަން ނިންމީ އެ ވޯޓް ފޮށީގެ ބާތިލް ވޯޓް ގުނައި ދިނުމަށް ހުށަހެޅި ޝަކުވާއަކާއި ގުޅިގެންނެވެ. މަޑިފުށީ ކައުންސިލަށް ވާދަކުރައްވާ ދެ ބޭފުޅެއްގެ މެދުގައި ހަ ވޯޓްގެ ފަރަގެއް ހުރިއިރު ގިނަ އަދަދެއްގެ ބާތިލް ވޯޓް ހިމެނެ އެވެ.
ދ. މީދޫގައި ބެހެއްޓި ވޯޓް ފޮށިން ގުނަން ނިންމީ ސައްހަ ވޯޓް އެކަންޏެވެ. ވިލަމަންދޫ ރިސޯޓްގައި ބެހެއްޓި ވޯޓް ފޮށްޓަށް ވޯޓްލީ މީހުންގެ ތެރޭގައި ފިއްލަދޫ މީހަކު ހިމެނޭއިރު އެރަށު ކައުންސިލްގެ ރައީސް ކަމަށް ކުރިމަތިލީ ދެ ކެންޑިޑޭޓުންގެ މެދުގައި އެއް ވޯޓް ފަރަގު ހުރުމުން އެ ވޯޓް ފޮށި އަލުން ގުނަން ނިންމީ އެވެ. އެއީ ސައްހަ ވޯޓެއް ބާތިލް ވޯޓެއްގެ ގޮތުގައި ގުނާފައިވާ ކަމުގެ ޝަކުވާއަކާއި ގުޅިގެންނެވެ.
ލ. ކަޅައިދޫ ވޯޓް ފޮށިން ގުނަނީ ބާތިލް ވޯޓް އެކަންޏެވެ. އަދި ގއ. އަތޮޅު މާލެ ހަ ނަންބަރު ވޯޓް ފޮށީގެ ބާތިލް ވޯޓް ގުނަން ވަނީ ނިންމާފަ އެވެ. މ. ރަތްމަންދޫގައި ބެހެއްޓުނު ވޯޓް ފޮށީގެ ސެކިއުރިޓީ އުރަ ކަނޑަން ނިންމާފައިވާއިރު ބާތިލް ފަސް ވޯޓެއް ޗެކް ކުރުމަށްވެސް ވަނީ ނިންމާފަ އެވެ. ދ. ރިނބުދޫ އާއި ޅ. އޮޅުވެލިފުށީގައި ބެހެއްޓުނު ވޯޓް ފޮށީގެ ސައްހަ ވޯޓާއި ބާތިލް ވޯޓް އަލުން ގުނަން ވަނީ ނިންމާފަ އެވެ. އަދި ދިޔަމިގިލީގައި ބެހެއްޓުނު ވޯޓް ފޮށި އަލުން ގުނުމަށާއި ދެއްވަދޫގައި ބެހެއްޓި އެއް ނަންބަރު ވޯޓް ފޮށީގެ ބާތިލް ވޯޓް އަލުން ގުނުމަށް ވެސް ވަނީ ނިންމާފަ އެވެ.
ޝަރީފް އިތުރަށް ވިދާޅުވީ ވޯޓް ގުނުމުގެ މަސައްކަތް މާދަމާ ފަށާނެ ކަމަށާ ވޯޓް އަލުން ގުނާނީ މަސްލަހަތު އޮތް މީހުންގެ ހާޒިރުގައި ކަމަށެވެ.