ލޯކަލް ކައުންސިލްތަކުގެ އިންތިހާބު

ދާއިމީ ނަތީޖާ މާދަމާ ރޭ އިއުލާނުކުރަން ފަށަނީ

މި މަހުގެ 10ވީ ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުގެ ދާއިމީ ނަތީޖާ މާދަމާ ރޭ އިއުލާނު ކުރަން ފަށާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާނުކޮށް ނިމިފައިވަނީ މި މަހުގެ 17 ވަނަ ދުވަހު އެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އާދަމް ވިދާޅުވީ މާދަމާ ރޭ ދާއިމީ ނަތީޖާ އިއުލާނު ކުރަަން ފެށި ނަމަވެސް އެކަން މުޅީން ނިންމާލެވޭނީ ތިން ދުވަސް ފަހުން ކަމަށެވެ. ޝަރީފް ވިދާޅުވީ މިރޭގެ ނިޔަލަށް 97 ޕަސެންޓްގެ ނަތީޖާ ވެރިފައި ކުރެވިފައިވާ ކަމަށެވެ.

އީސީން ވަނީ 11 ވޯޓް ފޮއްޓެއް އަލުން ގުނަން ނިންމާފައެވެ. އަދި ދެ ރަށެއްގައި އަލުން ވޯޓްލުން ކުރިއަށް ގެންދާށެވެ. އެއީ ތ. ގާދިއްފުއްޓާއި ލ. މާވަށެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާއިން މާލެ ސިޓީން ޕީޕީއެމަށް 13 ގޮނޑި ލިބިފައި ވެއެވެ. އެމްޑީޕީއަށް ލިބިފައި ވަނީ ހަ ގޮނޑި އެވެ. ޖުމްހޫރީ ޕާޓީއަށް އެއް ގޮނޑި ލިބިފައި ވެއެވެ. މީގެ އިތުރުން 11 އަތޮޅެއްގެ އަތޮޅު ކައުންސިލްގެ ރައީސް ކަމަށް އިންތިހާބުވެފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ. ޕީޕީއެމަށް ލިބިފައިވަނީ ހަތް އަތޮޅެއްގެ އަތޮޅު ކައުންސިލްގެ މަގާމެވެ.