ނިމިގެންދިޔަ ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބަށް 60-70 މިލިއަން ރުފިޔާ ހަރަދު ވެފައިވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
މިއީ މިހާތަނަށް ބޭއްވި އެންމެ ހަރަދު ބޮޑު އިންތިހާބެވެ. މި އިންތިހާބުގެ ހަރަދުތައް ވަރަށް ބޮޑުވާނެ ކަމަށް ކުރީން ވެސް އޮތީ ބެލެވިފަ އެވެ. އެއީ ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާއެކު އިންތިހާބު ބާއްވަން ޖެހުމުންނެވެ.
އިލެކްޝަންސް ކޮމިޝަނުން ކުރީން ބުނީ މި ފަހަރުގެ އިންތިހާބަށް 95 މިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށެވެ.
ނަމަވެސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އާދަމް ރޭ ވިދާޅުވީ މިފަހަރުގެ އިންތިހާބަށް 60 މިލިއަނާއި 70 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް ހަރަދުވެފައިވާނެ ކަމަށް ބެލެވޭ ކަމަށެވެ. ޝަރީފް ވިދާޅުވީ އިއްޔެގެ ނިޔަލަށް 35 މިލިއަން ރުފިޔާ ހަރަދު ކުރެވިފައިވާ ކަމަށެވެ. ނަމަވެސް އަދިވެސް ކުރަންޖެހޭ ހަރަދުގެ ބޮޑުބައި އޮތީ ނުކޮށް ކަމަށް ވެސް ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް އަންދާޒާ މި ކުރެވެނީ 60 އާއި 70 މިލިއަންއާ ދެމެދުގެ އަދަދަކަށް މި އިންތިހާބަށް ހަރަދުވާނެ ކަމަށް. ސަބަބަކީ އަދި ވަރަށް ގިނަ ބިލްތަކަށް ފައިސާ ނުދެއްކިވުމާއި އެންމެ ބޮޑު ހަރަދެއް ހިނގާނެ ކަމަށް ބެލެވޭ އޮފިޝަލުންނާއި ފޯކަލް ޕޮއިންޓުންނާއި ޓާސްކް ފޯހުގައި ހިމެނޭ މީހުންގެ އެލަވަންސް ފައިސާ އަދި ދީފައި ނުވާތީ،" ޝަރީފް ވިދާޅުވި އެވެ.
މި މަހުގެ 10 ވަނަ ދުވަހު ބޭއްވި އިންތިހާބު ފުރަތަމަ ބޭއްވުމަށް މަަސައްކަތް ކުރީ އޭޕްރީލް 4، 2020 ގައެވެ. ނަމަވެސް މާޗް މަހު ރާއްޖެއިން ކޮވިޑް ކޭހެއް ފެނުމާއި ގުޅިގެން އިންތިހާބު ފަސް ކުރީއެވެ. ކޮވިޑުން ރައްކާތެރިވުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައިވުމުން މި ފަހުން ކަނޑައެޅި ތާރީހުގައިވެސް އިންތިހާބު ނުބޭއްވުމަށް ކޮމިޝަނުން އެދުނެވެ. އެއީ އިންތިހާބުގެ ހަރަދު ބޮޑުވުމާއި ފިޔަވަޅުތަކާއެކު އިންތިހާބު ބާއްވަން ޖެހޭތީ ތަކުލީފު ބޮޑުވުމެވެ.
ނަމަވެސް ހަރަދު ބޮޑުވެ ތަކުލީފު ބޮޑުވި ނަމަވެސް ސިޔާސީ ޕާޓީތަކުން ވަނީ އިންތިހާބު އިތުރަށް ފަސް ކުރަން ދެކޮޅު ހަދާފައެވެ. އިންތިހާބު ބާއްވަން ބަޖެޓް ދޭންވެސް މަޖިލީހުން ނިންމީ އެވެ.