ރާއްޖޭގެ ބޮޑު ބަޔަކަށް އުދައަރާނެ ކަމަށާއި އެކަމަށް ސަމާލުވެ ތިބުމަށް މޫސުމާބެހޭ އިދާރާ، މެޓް އޮފީހުން ބުނެފި އެވެ.
އަވަސް އަށް މައުލޫމާތު ދެއްވަމުން މެޓް އޮފީހުގެ ޑިރެކްޓަރު އަހުމަދު ރަޝީދު ވިދާޅުވީ ދިޔަވަރު ބޮޑުވާ ގަޑީތަކުގައި މިއަދާއި މާދަމާ ރާއްޖޭގެ ބޮޑު ބަޔަކަށް އުދަ އަރާފާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި ހާއްސަ ގޮތެއްގައި އާންމުކޮށް އުދަ އަރާ ރަށް ރަށުން އިތުރަށް ސަމާލުވާން ޖެހޭ ކަމަށެވެ. އެގޮތުން ގޭގެއަށް ލޮނު ނުވަންނާނެ ފަދަ ގޮތަކަށް ވެލި ބަސްތާ ޖަހާ ދުރާލާ ރައްކާތެރިވުމަށް އޭނާ އިލްތިމާސް ކުރި އެވެ.
އަހުމަދު ވިދާޅުވީ މި ދުވަސްވަރަކީ އިރުވައި މޫސުމުގެ ހަޅަޖަހާ ދުވަސްވަރެއް ކަމަށާއި އެހާ ގަދައަށް ވިއްސާރަ ވެހޭނެ ކަމަށް ލަފާ ނުކުރެވޭ ކަމަށެވެ. ނަމަވެސް މެދު ރާއްޖެއާއި އުތުރުގެ އަތޮޅުތަކަށް ވަރަށް ވައިގަދަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އާދަޔާހިލާފަށް އުދަ އަރާނެ ކަމަކަށް ނުބެލެވޭ. އެކަމަކު އާންމުކޮށް އުދަ އަރާ ރަށްތަކަށް މިއަދާ މާދަން ވެސް އުދައަރާނެ. ބޮޑަށް މެދުރާއްޖެއާއި އުތުރުގެ ރަށްތަކަށް،" އޭނާ ވިދާޅުވި އެވެ.
ވައި ގަދަ ދުވަސްވަރަކަށް ވުމާއެކު ކަނޑުތައް ގަދަވާނެ ކަމަށާއި ކަނޑު ދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުކަން ދިނުން މުހިންމު ކަމަށް އަހުމަދު ވިދާޅުވި އެވެ.
އުދަ އަރާނެ ކަމަށް މެޓް އޮފީހުން ލަފާ ކުރިއިރު ރ. އަތޮޅުގެ ބައެއް ރަށްތަކަށް ރެއިން ފެށިގެން އަންނަނީ ވަރަށް ބޮޑަށް އުދަ އަރަމުންނެވެ. އަދި މިއަދު މާ ބޮޑަށް އުދާ އަރާނެ ކަމަށް އެ ރަށްރަށަށް މެޓް އޮފީހުން ވަނީ އަންގައިފަ އެވެ.