ގިނަ މީހުންނަށް ފާހާނާ ބޭނުން ކުރުމަކީ އާދައިގެ ކަމަކަށް ވިޔަސް ދުނިޔޭގެ އާބާދީގެ އެއްބިލިއަނަށް ވުރެ ގިނަ މީހުން ފާހާނާކުރަނީ އާންމު ތަންތަނަށެވެ. އަތިރިމައްޗަށާއި، ކޯރުތަކަށާއި ވަލުތެރެއަށާއި ރޭލު ދަގަނޑު މައްޗަށާއި މަގުމައްޗަށެވެ. ފާހާނާގެ ވަސީލަތްތައް ގާއިމްވެފައި ނެތީމައެވެ.
ރާއްޖެއާ އަވައްޓެރި އިންޑިޔާއަކީ މަގުމައްޗަށާއި އާންމު އެކި ތަންތަނުގައި ފާހާނާކުރާ މީހުން ވަރަށް ގިނަ ގައުމެކެވެ. އެކި އެކި ބޭނުންތަކުގައި އިންޑިޔާއަށް ދާ ވަރަށް ގިނަ ދިވެހިންނަށް އެއީ ވަރަށް މުޑުދާރު އަދި ލަދު ކަމެއްކަމަށް ވިޔަސް އިންޑިޔާގައި މިއީ ހަމަ ވަރަށް އާންމު ކަމެކެވެ. ކަމާބޭހޭ ފަރާތްތަކަށް ހައްލުކުރުމަށް ދަތިވެފައިވާ މިންވަރަށް ގިނަ ކަމެކެވެ.
އިނޑިޔާގައި 590 މިލިއަން މީހުން އާންމު ތަންތަނަށް ދެކަމު ހާޖަތަށް ދާކަމަށް ވެއެވެ. މިކަން އާންމުވެފައިވާ ވަރަކީ ޕަބްލިކް ޓޮއިލެޓްތައް ހުއްޓަސް އިންޑިޔާ އާންމުންގެ ގިނަ ބަޔަކު އާންމުތަންތަނުގައި ފަހާނާ ކުރާ ކަމެވެ. މިއީ ސިއްހީގޮތުން ނުރައްކާތެރި ކަމަކަށް ވާއިރު، ކޮންމެ އަހަރަކު އެތައް ލައްކަ ކުޑަކުދިންނެއް ބޮޑުކަމުދާ ތަކެތީގެ ޒަރިއްޔާއިން ފެތުރޭ ބަލިތަކުގައި މަރުވެއެވެ.
މިކަމަށް ހައްލެއް ހޯދުމަށް އިންޑިޔާއިން ވަނީ ވަރަށް ތަފާތު ސްކީމެއް ތައާރަފް ކޮށްފައެވެ. އެއީ ކުޑަކުދިންގެ ކިބައިގައި ފާހާނާ ބޭނުން ކުރުމުގެ އާދަ އަށަގެންނެވުމަށް ހިތްވަރުދިނުމަށް ފައިސާ ދިނުމެވެ. އަހްމަދުއާބާދުގެ ސްޓޭޓް ކައުންސިލުން ގަބޫލުކުރާ ގޮތުގައި މި ސްކީމުން މައްސަލައަށް ހައްލެއް ގެނެވިދާނެއެވެ. ޑައިރިއާއިން އަހަރަކު ދެ ލައްކަ ކުދިން މަރުވާ އިންޑިޔާގައި މިގޮތައް ނަމަވެސް މި ވަނީ މައްސަލަ ހައްލުކުރަން ޖެހިފައެވެ.
ޗަންދޯލިޔާގެ އަވަށްގަނޑުގައި މީހުން ބޮޑުކަމުދަނީ ރޭލުދަގަނޑު މައްޗަށެވެ. ހާއްސަކޮށް މީހުން ގިނަވެ ކާރޫ ބާރޫ ބޮޑުވުމުގެ ކުރިން ހެނދުނު ހެނދުނާ އެވެ.
"އަހަރެމެން މިހާރު މިވަނީ އާންމު ފާހާނާތައް ހަދާފައި. އެކަމަކު މީހުން އެ ތަންތަން ބޭނުމެއް ނުކުރޭ. ފާހާނަ ތެރޭގައި ސިހުރުހަދާ މީހުން އުޅެދާނެތީ އާންމުން ބިރުގަންނަނީ ކަމަށް ވަނީ. އަދި ދަރިން ކިޑްނެޕް ކޮއްފާނެތީ ވެސް އެމީހުން ޖެހިލުންވޭ. މިތަނުގެ ގިނަ މީހުންނަކީ ކުދި ކުދި އަވަށްތަކުން އައިސް އުޅޭ މީހުން. ފާހާނާ ބޭނުން ކުރުމަކީ އެމީހުންނާ އެހާ ރައްޓެހި ކަމެއް ނޫން" ގުޖުރާތުގެ ނަރުދަމާ މަސައްކަތް ކުރާ ކުންފުންޏެއްގެ ޗެއާމަން ބުންޏެވެ.
ފާހާނާ ކުރުމުގެ ސާފުތާހިރު އާދަތައް ނެތުމަކީ އިންޑިޔާ ކުޑަކުދިންގެ އާބާދީގެ ދެބައިކުޅަ އެއްބައެއްހާ ކުދިންގެ ހެދި ބޮޑުވުމަށް ވެސް އެކަމުން ނުރަނގަޅު އަސަރުތައް ކުރަމުންދާ ސަބަބެކެވެ. އޮފިޝަލުން ބުނަނީ ބައެއް ކުދިން އާންމު ފާހާނާ ތަކުގެ ކުރިމަތީގައި ވެސް މަގުމައްޗަށް ބޮޑުކަމު ދާ ކަމަށެވެ. ފާހާނާތަކާ އެހާވެސް ބީރައްޓެއްސެވެ.
"އެހެންވީމާ އަހަރެމެން މިވަނީ މުޅިން އެހެން ސްކީމެއް ތާރަފުކޮށްފަ. ފާހާނާ ބޭނުންކުރާ ކުދިންނަށް އަހަރެމެން ދެނީ ރުޕީއެއް ނުވަތަ ޗޮކުލެޓެއް،" ސްޓޭޓް އޮފިޝަލަކު ބުންޏެވެ.
ފަސް އަހަރުގެ ބޫމީ ދަތާޑިޔާ އަކީ މި ސްކީމުގެ ފައިދާ ހޯދަމުންދާ ކުއްޖެކެވެ. އެއްބަނޑު އެއްބަފާ ދެބޭންނާއި، މަންމައާއި ބައްޕާއާއެކު ބޫމީ ދިރިއުޅެނީ ކުޑަ ކޮޓަރިއެއްގައެވެ. ގިނަ އަވައްޓެރިންނެކޭ އެއްގޮތަށް އޭނާއަށް ވެސް ފާހާނާ ކުރުމަށް ދެވެން އޮތީ ދެ ތަނެކެވެ. ކައިރި ހިސާބެއްގައި އޮތް ކޯރެވެ. ނުވަތަ އާންމު ފާހާނާއެވެ. އާންމު ފަހާނާއަށް އޭނާ ދާ ކޮންމެ ފަހަރަކު އެކަމަށް ކަނޑައެޅިފައިވާ ކާޑުގައި ނޯޓު ކުރެވެއެވެ. އަދި މަސް ނިމުމުން އޭނާއަށް ފައިސާ ލިބެއެވެ.
"ފާހާނާތައް ރަނގަޅު. މި ލިބޭ ފައިސާ އަހަރެން ބޭނުން ކުރާނީ ކިޔަވަން."
ސިޓީ ކައުންސިލްގެ ވިސްނުން ހުރީ މި ސްކީމް ފުޅާކޮށް ބޮޑެތި މީހުންނަށް ވެސް ފާހާނާ ބޭނުން ކުރުމުން ފައިސާ ލިބޭގޮތް ހަދާށެވެ.
"ބޭނުމަކީ ރަނގަޅު އާދަތަކުން ލިބޭ ފައިދާ ދައްކައިދިނުން. ކުޑަކުދިން ފާހާނާ ބޭނުން ކުރަން ފެށުމުން ދެން ބޮޑެތި މީހުންނަށް ވެސް މިކަމަށް ހިއްވަރު ލިބިދާން." މުނިސިޕަލް ކޯޕަރޭޝްނުގެ އޮފިޝަލަކު ބުންޏެވެ.
ރޭޕް ގިނަ އިންޑިޔާގައި އަންހެނުންނަށް ފާހާނާ ތަކަށް ވަންނަން ނުކެރުމަކީވެސް މި އާދަ އަށަގެންނެވުމަށް އޮތް ހުރަހަކަށް ވަނީ ވެފައެވެ.
އާންމު ތަންތަނުގައި ފާހާނާ ކުރުން ހުއްޓުވުމަކީ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ 2019 އަށް ކަނޑައަޅާފައިވާ ލަނޑުދަނޑި އެކެވެ. މިކަން ހާސިލު ކުރުމަށް ކޮންމެ ގެއަކީ ވެސް ފާހާނާއެއް ހުންނަ ގެއަކަށް ހެދުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ. -- ބީބީސީ