ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތުގައި ގޭގައި ކުޑަ ހަތަރު ކުދިން ނިދާފައި އޮއްވާ ކުއްލިއަކަށް ފުލުހުންނާއި ޖެންޑާގެ ބަޔަކު ގޭ ތެރެއަށް ވައްދާލައިފި އެވެ. އެއްވެސް ސަބަބެއް، ކޯޓު އަމުރެއް ނެތި ގޭގެ ވެރިން ވެސް ނެތް ވަގުތެއްގައި އެ މީހުން އެ ކުދިން ތިބި ކޮޓަރިއަށް ވަދެ މަސައްކަތް ކުރީ އެ ކުދިން ގެންދާށެވެ. ރުއިމާއި އާދޭހުގެ އަޑުގަދަ ވެގެން ކައިރި ގެތަކުގެ މީހުންނާއި ރަށު އެހެން ރައްޔިތުން އެއްވި އެވެ. އެންމެން ވެސް އަހާ ސުވާލަކީ އެ ކުދިން ގެންދަނީ ކީއްވެ ހެއްޔެވެ؟
ކުޑަކުދިންނަށް ކުރާ އަނިޔާތަކާއި ދެކޮޅަށް ވަރުގަދަ މަސައްކަތްތަކެއް ސަރުކާރުން ފަށާފައިވަނިކޮށް، ޖެންޑާ މިނިސްޓްރީން މިއަދު ވަނީ މެދުރާއްޖެތެރޭގެ ރަށެއްގެ އެއް އާއިލާއަކަށް ނިސްބަތްވާ ހަތަރު ކުއްޖަކު ދައުލަތަށް ނެގުމަށް އެ ރަށަށް ގޮސްފަ އެވެ. އެ މިނިސްޓްރީން ބުނީ އެ ކުދިން ގެންދަން ޖެހޭ ސަބަބަކީ އެ ކުދިން ދިރިއުޅެމަށް އެންމެ އެކަށީގެންވާ ރައްކާތެރި މާހައުލެއް ނެތުމެވެ. ނަމަވެސް އެ ރައްކާތެރިކަން ގެއްލުނީ ކީއްވެ ކަމެއް ނުވަތަ އެ މައްސަލައާ ބެހޭ އިތުރު އެއްވެސް ތަފްސީލެއް ހާމަ ކުރާކަށް އެ މިނިސްޓްރީން ބޭނުމެއް ނުވެ އެވެ.
އެހެން ނަމަވެސް ޖެންޑާ މިނިސްޓްރީން އެ ކުދިން ދައުލަތަށް ނަގަން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފަ އެވެ. އެ މިނިސްޓްރީން ބުނީ އެ ރަށު ރައްޔިތުން ނިކުމެ އެ ހަތަރު ކުދިން ގެންގޮސްފާނެތީ ހުރަސް އެޅި އެވެ. އެހެންވެ އެކަން ނުވެގެން އެންމެ ފަހުން ޖެހުނީ ރަށުން ފައިބާށެވެ.
މި މައްސަލާގައި ކުދިންނަށް ދިމާވެފައި ވަނީ ކޮޮން ނުރައްކަލެއް ކަމެއް ނޭނގޭއިރު އެ ކުދިން ގެންދިޔުމަށް ގިނަ ބަޔަކު ދެކޮޅު ހެދީ ކީއްވެ ކަމާ މެދުވެސް ވަނީ ސުވާލު އުފެދިފަ އެވެ.
އެކަމާ ގުޅޭ ގޮތުން އަވަސްއާ ވާހަކަ ދައްކަމުން އެ ރަށު މީހަކު ބުނި ގޮތުގައި ޖެންޑާއިން އެއްވެސް ހުއްދައެއް ނެތި ގެޔަށް ވަނުމަށް ފަހު އެ ކުދިންގެ މަންމަ ކައިރީ ހަތަރު ކުދިން ދައުލަތުގެ ބެލުމުގެ ދަށައް ގެންދަން ނިންމާފައިވާ ކަމަށް ބުނި ކަމަށެވެ. އަދި އެ ކުދިން ގެންދަން އުޅެނިކޮށް އެ ކުދިންގެ މާމައާއި ކާފަ އައިސް އެކަން އެގޮތަށް ނުކުރުމަށް އާދޭސް ކުރިއެވެ. އަދި ކުދިން ގެންދަނީ ކޮން ސަބަބަކާއި ގުޅިގެންތޯ ސުވާލު ކުރިއެވެ. އެ ކަންތައްގަނޑުގެ ތެރޭގައި އެ ކުދިންގެ ކާފަ ހޭވެސް ނެތުނެވެ. އަދި ސިއްްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދޭން ޖެހުނު ކަމަށް އޭނާ ބުންޏެވެ.
"ކުދިންތައް ނުގެންދާށޭ ކިޔާ މީހުންގެ ގޮވަމުންދިޔަ އާދޭހުގެ އަޑު އިވިގެން މީހުން އެއްވަން ފެށީ. ގާތްގަނޑަކަށް ރަށުގެ ހުރިހާ އެންމެން ކަހަލަ ގޮތަކަށް އެއްވި އެ ގޭ ދޮށައް. ރަށު އެންމެންވެސް މި ސުވާލު ކުރަނީ އެ ކުދިން ގެންދަނީ ކޮން ސަބަބަކާއި ގުޅިގެންތޯ. އެ ކުދިން ދައުލަތުގެ ބެލުމުގެ ދަށައް ގެންދަން ޖެހޭ ސަބަބެއް ނެތް,"
އުމުރުން 18 އަަހަރުން ދަށުގެ އެ ކުދިންގެ މަންމައާއި ބައްޕަގެ ކައިވެނި ވަނީ ރޫޅިފައެވެ. ކައިވެނި ރޫޅާލީ އަންހެން މީހާއެވެ. އެތައް ފަހަރަކު އެދިގެން ކޯޓުން އެ ވަރި ކޮށްދިނީ ކުދިންގެ މަންމަގެ އާދޭހަށެވެ. ކުދިންގެ ބައްޕައަކީ މަސްތުވާތަކެތީގެ ޝިކާރަކަށްވެފައިވާ މީހެއް ކަމުން ކުދިންގެ ބައްޕަ ކައިރިން ވަރިވިފަހުން އެ ކުދިންނާއެކު އަންހެން މީހާ ދިރިއުޅެމުން ގެންދިޔައީ އޭނާގެ މަންމައާއި ބައްޕަގެ ގޭގައެވެ. އެ ގޭގައި އެ ކުދިން އުޅެމުން ދަނީ މަންމަގެ ފުރިހަމަ އަޅާލުމާއި ލޯބި ލިބިގެން ކަމަށް ރަށުގެ މީހުން ބުނެއެވެ. އަދި އެ ކުދިންގެ މާމައާއި ކާފައަކީވެސް ކުދިން ދެކެ ވަރަށް ލޯބިވާ ދެ މީހުން ކަމަށްވެސް ރަށުގެ މީހުން ބުންޏެވެ.
"އެ ކުދިން އެއީ ބަރާބަރަށް ސުކޫލަށްދާ ކުދިން. އެތަނުން އެއް ކުއްޖަކު މިިދިޔަ އަހަރު ރަށު ސުކޫލްގެ ކުއްޖާ އުޅޭ ގުރޭޑުން އެންމެ މޮޅު ދަރިވަރަކަށްވެސް ހޮވުނީ. ތިން ކުދިން ތެރެއިން އެއް ކުއްޖަކީ އުމުރުން ތިން އަހަރުގެ ކުއްޖެއް. ފަތިސް ނަމާދަށް ނޫނީ ހުރިހާ ނަމާދެއް ކުރަން މިސްކިތަށްދާނެ އެ ކުއްޖާ ކާފައާއެކު ދާނެ. މިއީ އަޅާނުލާ ބަޔަކު ކުރާނެ ކަމެއްތޯ," އެ ގޭ ދޮށައް މިއަދު އެއްވި މީހަކު ބުންޏެވެ.
ކުދިންގެ ބައްޕަގެ ފަރާތުން މާ ބޮޑު އެހީތެރިކަމެއް ނުލިބެ އެވެ. އެ ކުދިންނަށް ބޭނުންވާ ކަންކަން ފުރިހަމަ ކޮށްދޭން ކުދިންގެ މަންމަ ވަޒީފާއަކަށް ގޮސް މަސައްކަތް ކުރެ އެވެ. ރަށު މިސްކިތުގެ ވަޒީފާއެއްގައި އުޅެމުން ކުދިންނަށް ބޭނުންވާ ކަންކަން ފުރިހަމަ ކޮށްދެވޭތޯ އެ މީހާ މަސައްކަތް ކުރަމުންދާ ކަމަށްވެސް ރަށުގެ މީހުން ބުނެއެވެ.
"އެމީހެއްގެ ތަނަވަސްކަން ހުރި މިންވަރަކުން ބެލޭނީ، ލިބޭ އެއްޗަކުން ރަނގަޅު ކާއެއްޗެއް ދީގެން، ސުކޫލަށް ފޮނުވައިގެން އެ އުޅެނީ. އެހެންވެ އަޅުގަނޑުމެން މިއަދު މުޅި ރަށް މި ނިކުތީ އެ ކުދިންގެ ދިފާއުގައި. އަޅާލުމާއި އޯގާތެރިކަމަށްވުރެ ބޮޑު އެއްޗެއް ނޯންނާނެ. އެ ކުދިންނަށް އެ ކުދިންގެ މަންމަ ފަރާތުން އެކަން ލިބޭނެ. ދެން އެއީ ނިކަމެތި އާއިލާއެއް. އެކަމު އެ މީހުން އެ ތިބެނީ ކައިގެން، ލިބުނު މިންވަރަކުން ދިރިއުޅުން ހަމަޖައްސައިގެން,"
ކުދިންތައް ޖެންޑާގެ ދަށައް ގެންދިއުމަށް ކުރި މަސައްކަތަށް ރަށުގެ ބަޔަކު ހުރަސް އަޅާފައިވާ ކަމަށް ޖެންޑާއިން ބުނާ ވާހަކަތައްވެސް އެ ރަށުގެ މީހުން ވަނީ ދޮގު ކޮށްފައެވެ. އެ މީހުން ބުނި ގޮތުގައި ޖެންޑާގެ ޓީމަށްވެސް އަދި ފުލުހުންނަށް ބުނެދިނީ ކަން އޮތް ގޮތެވެ. އަދި މައްސަލައެއް ވެސް ނެތް ކަމެއްގައި މައްސަލައެއް އުފަން ކުރަން ޖެންޑާ މަސައްކަތްކުރީތީ ހައިރާންވާ ކަމަށްވެސް އޭނާ ބުންޏެވެ.
"މިރަށު އެކަކުވެސް އެ ބޭފުޅުންނަށް ހުރަހެއް ނާޅާ، އަޅުގަނޑުމެން ބޭނުންކުރީ ދުލުގެ މިނިވަންކަން. ކަން އޮތްގޮތް ބުނެދިނީ. އެއީ ހުރަސް އެޅުމެއް ނޫން. ޖެންޑާއިން އެ ދައްކާ ވާހަކަ ކިހިނެތްހޭ ގަބޫލުކުރާނީ. ކުދިންގެ ދެ ފަރާތުގެ އާއިލާގެ ކާފައާއި މާމަ މިއަދު ނިކުތް އެކަން ނުކުރަން ފުލުހުންނަށް އާދޭސް ކުރަން. އެހެންވީމަ ދެ އާއިލާއިންވެސް ނޫޅޭ މިއީ މައްސަލައަކަށް ހަދައިގެން,"
ކުދިންގެ މަންމައާއި ބައްޕަ ވަކިވުމަށް ފަހު ކުދިން މަންމަ ކައިރީގައި ބައިތިއްބާފައިވަނީ އެ ކުދިން މަންމައަށް ބެލޭނެތީ އެވެ. ކުދިންގެ މައްސަލަ ކޯޓުންވެސް އޮތީ ނިންމާފައެވެ. އެންމެ އެކަށީގެންވާ ރައްކާތެރި މާހައުލެއް ނެތް ކަމަށް ބުނެ މިއަދު ޖެންޑާގެ ބެލުމުގެ ދަށައް ގެންދަން އުޅުނު ކުދިން ތެރެއިން ތިން ކުދިންނަކީ ރަށު ސުކޫލްގައި ތައުލީމް ހާސިލް ކުރަމުންދާ ކުދިންނެވެ. އެންމެ ދޮށީ ކުއްޖާ އުޅެނީ ގްރޭޑް ހަތެއްގައެވެ. ދެން ހުރި ކުއްޖާ އުޅެނީ ފަހެއްގައެވެ. ދެން ހުރީ ގްރޭޑް ތިނެއްގައި އުޅޭ ކުއްޖަކާއި، އުމުރުން ތިން އަހަރުގެ ކުއްޖެކެވެ.
ކުދިން ޖެންޑާގެ ބެލުމުގެ ދަށައް ގެންދަން ކުރި މަސައްކަތް ހުއްޓާލުމަށްފަހު އެ ޓީމް ރަށުން ފުރީ 11:00 ޖެހިފަހުންނެވެ. ތިން ގަޑިއެއްްހާއިރު ޖެންޑާގެ ޓީމު އެ ރަށުގައި ތިބެފައި ފޭބީ ފުލުހުން ރަށުން ދާން ފެށުމުންނެވެ.
"އޭރުވެސް މާލެއިން ޖެންޑާއިން އަންގަމުންދޭ އެކަން ކުރުމަށް. އެކަމު ޖެންޑާ ޓީމުން މަޑުނުކޮށް ދިޔައީ ފަހުން ފުލުހުންވެސް ދާން ނިންމީމައި. މިއީ އަޅުގަނޑު އާއިލާއަށް ދިމާވި ކަމެއްނަމަ އަބުރުގެ ދައުވާވެސް ކުރާނަން. ވިސްނާލަބަލަ ކިހާ ބޮޑު ބަދުނާމެއް މުޅި ގައުމަށް އެ ކުރީ. އެކަށީގެންވާ ރައްކާތެރި މާހައުލެއް ނެތޭ ކިޔާފައި. ރައްކާތެރި މާހައުލެއްގައި ނެތުމަކީ ތަނަވަސް ކަމުގައި ނޫޅެވުމެއް ނޫން. އެކި މީހުންނަށް ﷲ މިންވަރު ކުރައްވާނީ އެކި ހާލަތު. އެެކަމު އެއީ ރައްކާތެރި މާހައުލެއްގެ ގޮތުގައި ނުބެލެވޭނެ ކަމެއް ނޫން,"
އެ ރަށުގެ ބައެއް މީހުން ބުނި ގޮތުގައި ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ވާދަކުރުމުގެ ޝައުގުވެރިކަން ކުދިންގެ މަންމަ ފާޅުކޮށްފައިވެ އެވެ. އެހެންކަމުން މިއީ އެ އާއިލާއާއި ޒާތީ ބަޔަކު ކޮށްފައިވާ ރިޕޯޓެއްގެ މައްޗަށް ކަމުގެ ހަގީގަތް ބަލާލުމެއްނެތި ޖެންޑާއިން ކޮށްފައިވާ ކަމެއް ކަމަށް އެ މީހުން ބުންޏެވެ.
"އަޅުގަނޑުމެން ދެކެނީ މިއީ ދެއްކުންތެރި އަދި ޒާތީ ކަމެއްކަމަށް. ކުޑަކުދިންނަށް އަނިޔާ ކުރާ ވާހަކަތަކުގެ އަޑު ގަދަވެފައި އޮއްވާ އެއްވެސް ހަގީގަތެއް ނެތް ކަމެއްގައި، ހަގީގަތް ބެލުމެއްނެތި މންމައަކާއި ކުދިންތަކެއް ވަކިކުރަން މަސައްކަތް ކުރީ. މިއަދު ހުކުރު ދުވަސްވީމަ ހުރިހާ މަސްވެރިންވެސް މި ތިބީ ރަށުގައި، އެހެންވީމަ މުޅި ރަށް ނިކުމެ މިކަން މި ހުއްޓުވީ." 2008 ވަނަ އަހަރު ގުރޭޑް 10 އުފައްދަން ރާއްޖޭގެ އެކި ކަންކޮޅުތަކުން ނިކަމެތި ކުދިން ގެނެސް ތައުލީމުގެ ފުރުސަތު ފަހިކޮށް އެ ރަށައް ނިސްބަތްވާ މީހަކު ބުންޏެވެ.